އެންމެ ގާބިލް ކެންޑިޑޭޓަކީ މޫސާ ޖަލީލް: ގާސިމް އިބްރާހީމް

"އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް،" ގާސިމް އިބްރާހީމް

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދުކުރައްވައިފިއެވެ. ގާސިމް އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް އެންޑޯޒްކުރައްވައި، އެމަނިކުފާނަށް ފުރިހަމައަށް ތާއީދު ދެއްވާފައިވާ ކަމަށެވެ. މޫސާ އަލީ ޖަލީލަކީ ގައުމީ ޚިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، ގައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

މޫސާ އަލީ ޖަލީލުގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ގާސިމް ވިދާޅުވީ، ޖަލީލަކީ، ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރުމަށް މޭ އައްޑަނައަކަށް ހައްދަވައިގެން ނުކުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއްކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ.

"އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި ނަޒާހަތްތެރި އަދި ގާބިލް އެހެން ކެންޑިޑޭޓަކު ކުރިމަތި ލައްވާފައި ނެތްކަން ޔަގީންވާ ކަމަށެވެ. އެހެންކަމުން، މާލެ ސިޓީ ހިންގުމަށް މުރާލި އަދި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ރައްޔިތުން، ކެންޑިޑޭޓް ނަންބަރު 4، މޫސާ ޖަލީލަށް ވޯޓު ދެއްވުމަށް ގާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މޫސާ އަލީ ޖަލީލަކީ ނުހަނު ޚުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ގާސިމް ވަނީ އެމަނިކުފާނުގެ ބަސް ގަބޫލުކުރާ އެންމެހާ ފަރާތްތަކުން މޫސާ ޖަލީލަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!