އީރާނުގައި އޮހޭ ކަރުނައަކީ ދުނިޔޭގެ އެހެން މުސްލިމުންގެ ކަރުނައާ ތަފާތު ކަރުނައެއް ނޫން: ތުރުކީގެ ރައީސް

"އިސްފަހާން، ތަބްރީޒް އަދި ތެހެރާނުގައި އޮހޭ ކަރުނައާއި، އަރުބީލް، އޮމާން، ބަޣުދާދު، ބައިރޫތު، ސަންޢާ، ދޯހާ އަދި ރިޔާޒް ފަދަ އުޚުއްވަތްތެރި ސިޓީތަކުގައި އޮހޭ ކަރުނައިގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟" އުރުދުޣާން

އީރާނުގައި މިވަގުތު އޮހެމުންދާ ކަރުނައަކީ ދުނިޔޭގެ އެހެން ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ މުސްލިމުންގެ ލޮލުން އޮހޭ ކަރުނައާ ތަފާތު އެއްޗެއް ނޫން ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އަންކާރާގައި ބޭއްވި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ޔަހޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އުރުދުޣާން ވަނީ އިސްރާއީލަކީ ނަފުރަތުގެ މައްޗަށް ބިނާވެފައިވާ ނަސްލު ނައްތާލުމުގެ ގޭންގެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އިސްރާއީލުން މި ސަރަހައްދު މި ގަރުނުގެ އެންމެ ނުރައްކާތެރި ކާރިސާއާ ދިމާލަށް ކޮއްޕަމުންދާ ކަމަށް ވިދާޅުވިއެވެ. "އިސްފަހާން، ތަބްރީޒް އަދި ތެހެރާނުގައި އޮހޭ ކަރުނައާއި، އަރުބީލް، އޮމާން، ބަޣުދާދު، ބައިރޫތު، ސަންޢާ، ދޯހާ އަދި ރިޔާޒް ފަދަ އުޚުއްވަތްތެރި ސިޓީތަކުގައި އޮހޭ ކަރުނައިގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟" އުރުދުޣާން ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން އުރުދުޣާން ވިދާޅުވީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް މުސްލިމުންގެ ނަމަކީ ޢަލީ، މުރުތަޟާ، އުމަރު، އާއިޝާ، ޒައިނަބު، ޙަސަން ނުވަތަ ޙުސައިން ކަމަށް ވިއަސް އެއިން އެއްވެސް ނަމެއް އެމީހުން ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި އީރާނުގައި ވިޔަސް ނުވަތަ ގަލްފުގެ ގައުމެއްގައި ވިޔަސް، ކޮންމެ މިސައިލް ހަމަލާއަކުން ޒަޚަމްވެ ލޭއޮހޮރުވެނީ ހަމަ މުސްލިމުންގެ ކަމަށް އެރުދުޣާން ފާހަގަކުރެއްވިއެވެ.

އީރާނަށް އަމާޒުކޮށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. މި ހަނގުރާމައިގައި މަޒްހަބީ ނުވަތަ ނަސްލީ އެއްވެސް ތަފާތެއް ނެތް ކަމަށާއި، ކޮންމެ ހަމަލާއަކީވެސް މުޅި އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއް ކަމަށް ވިދާޅުވިއެވެ. ތުރުކީވިލާތުން އަބަދުވެސް އުޚުއްވަތްތެރި ގައުމުތަކުގެ ދިފާއުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

މަސްޖިދުލް އަޤްޞާގައި 1967 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ނަމާދާއި އީދު ނަމާދު ކުރުން ހުއްޓުވުމަކީ ދުނިޔޭގެ 2 ބިލިއަން މުސްލިމުންގެ އަގީދާއަށް ދިން ވަރަށް ބޮޑު އިހާނެތްތެރިކަމެއްގެ ގޮތުގައި އުރުދުޣާން ސިފަކުރެއްވިއެވެ. އަދި އެއްވެސް އުޒުރަކާލައި މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރުމުގެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށާއި އެކަން ހުއްޓުވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!