އީރާނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ހެކަރުން ކަމަށްވާ ހަންޠަލާ ގްރޫޕަކުން، ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) ގެ މިހާރުގެ ޑައިރެކްޓަރު ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އެކައުންޓަށް ވަދެ އީމެއިލްއާއި ފޮޓޯއާއި ވީޑިއޯތަކެއް ޑައުންލޯޑް ކޮށް އޮޕަރޭޗަނެއް ހިންގައިފިއެވެ. "ހަންޠަލާ ހެކް ޓީމް" ގެ ނަމުން މަޝްހޫރު މި ގްރޫޕުން ވަނީ ހެކްކުރި ޕަޓޭލްގެ ފޮޓޯތަކަކާއި ބައެއް ލިޔެކިޔުންތައް އޮންލައިންކޮށް އާންމުކޮށްފައެވެ. އަދި އެމީހުން ކާމިޔާބުކަމާއެކު ހެކްކޮށްފައިވާ މީހުންގެ ލިސްޓަށް ޕަޓޭލްގެ ނަން މިހާރު އިތުރުކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުނެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ތަރުޖަމާނަކު މި ހާދިސާ ހިނގާފައިވާކަން ކަށަވަރުކޮށްދެއްވައެވެ. އަދި ފާއްދާލާފައިވާ ތަކެއްޗަކީ "އަސްލު އެއްޗެހި ކަމަށް ބެލެވޭ" ކަމަށް ވެސް ވިދާޅުވެއެވެ. އެފް.ބީ.އައި އިން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައި ނުވާއިރު، ހެކަރުންނާ ގުޅޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މި ގްރޫޕަކީ އީރާނުގެ ސައިބަރ ޔުނިޓްތަކުގެ މޫނުމަތި ކަމަށް ބެލެވޭ ކުޅަދާނަ އަންހެނުން ގިނަ ގްރޫޕެކެވެ.
ހަންޠަލާއިން އަމިއްލައަށް ސިފަކުރާ ގޮތުގައި އެއީ ފަލަސްތީނަށް ތާއީދުކުރާ "ހެކްޓިވިސްޓް" ޖަމާއަތެކެވެ. ނަމަވެސް، ހުޅަނގުގެ ސައިބަރ ސެކިއުރިޓީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ގްރޫޕަކީ އީރާނު ސަރުކާރާ ގުޅިފައިވާ ސައިބަރ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންކުރާ މޫނުމައްޗެކެވެ. ހުޅަނގުގެ ގައުމުތަކުގައިވެސް ހެކްޓިވިސްޓުންގެ މިފަދަ ރަސްމީ ޔުނިޓްތައް ހަދަފައި ވެއެވެ.
މި މަހުގެ ކުރީކޮޅު، އެމެރިކާގެ މެޑިކަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ސްޓްރައިކާ" އަށް ސައިބަރ ހަމަލާއެއް ދީ، ގިނަ އަދަދެއްގެ ޑޭޓާ ފޮހެލާފައިވާ ކަމަށްވެސް އީރާން ހަންޠަލާ ގްރޫޕުން ވަނީ ބުނެފައެވެ.
ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ޑިސްޓްރިކްޓް 4 ލެބްސް" އިން ފާހަގަކުރި ގޮތުގައި، ހެކަރުން ބޭނުންކޮށްފައިވާ ޖީމެއިލް އެޑްރެހަކީ މީގެ ކުރިން ލީކުވެފައިވާ ޑޭޓާތަކުގައި ޕަޓޭލްއާ ގުޅުންހުރި އެޑްރެހެކެވެ. ލީކުކޮށްލާފައިވާ ތަކެތީގެ ތެރޭގައި 2010 އިން 2019 އާ ދެމެދު، ގާތްގަނޑަކަށް ދިހަ އަހަރު ދުވަހުގެ އަމިއްލަ އަދި ރަސްމީ މުއާމަލާތްތައް ހިމެނޭ ކަމަށް ފެނެއެވެ.







