ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އާއި ކުރީގެ ހޯމް އެފެއާޒް މިނިސްޓަރު ރަމޭޝް ލެކަކް އެގައުމުގެ ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. މި ދެ ބޭފުޅުން ހައްޔަރުކުރީ މިދިޔަ އަހަރު އެގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަނެއްގެ މައްސަލައިގައެވެ.
ކަތުމަންޑޫ ވެލީ ފުލުހުންގެ ތަރުޖަމާނު އޯމް އަދިކާރީ ވިދާޅުވި ގޮތުގައި، އޯލީ އާއި ލެކަކް ހައްޔަރުކުރީ މިއަދު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މި މައްސަލައިގައި ގާނޫނީ ގޮތުން ކުރިއަށްދާންޖެހޭ އެންމެހާ މަރުހަލާތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުމުރުން 74 އަހަރުގެ އޯލީ ހައްޔަރުކުރީ ކަތުމަންޑޫގެ ރަށްބޭރުގައި އޮންނަ ބަކްތާޕޫރުގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުންނެވެ.

މި ކަމާ ގުޅިގެން ނޭޕާލްގެ އާ ހޯމް މިނިސްޓަރު ސޫދާން ގުރުންގް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ވައުދަކީ ވައުދެއް ކަމަށާއި، ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކު ނުހުންނާނެ" ކަމަށެވެ. އަދި މިއީ އެއްވެސް މީހަކާ ދެކޮޅަށް ހިންގާ ބަދަލުހިފުމެއް ނޫން ކަމަށާއި، މިއީ އިންސާފު ގާއިމުކުރުމުގެ ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 އާއި 9 ވަނަ ދުވަހު ނޭޕާލްގައި ހިނގި ކޮރަޕްޝަނާ ދެކޮޅު ޖެންޒީ މުޒާހަރާތަކުގައި މަދުވެގެން 77 މީހުން މަރުވެފައިވެއެވެ. ސޯޝަލް މީޑިއާ މަނާ ކުރުމާ ގުޅިގެން ފެށުނު މި މުޒާހަރާތަކަކީ އިގްތިސާދީ ދަތިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ފާޅުވި ބޮޑު ހަރަކާތެކެވެ. މި މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ހިންގި އޮޕަރޭޝަނުގައި ފުރަތަމަ ދުވަހު އެކަނިވެސް 19 ޒުވާނުން މަރުވިއެވެ.
އޯލީގެ ސަރުކާރު ވެއްޓުނު ފަހުން ބޭއްވި ފުރަތަމަ އިންތިޚާބަށްފަހު، އާ ބޮޑުވަޒީރު ބަލެންދްރަ ޝާހް އާއި އޭނާގެ ކެބިނެޓް ހުވާކުރީ އިއްޔެއެވެ. މި ބޭފުޅުން ހައްޔަރު ކުރީ އާ ސަރުކާރުން މަގާމާ ހަވާލުވިތާ އެއް ދުވަސް ފަހުންނެވެ. މި މައްސަލައިގައި ކުރީގެ ބޮޑުވަޒީރު އޯލީގެ ފަރާތުން އަދި އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.


