މާލެ ސިޓީ ކައުންސިލްގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، މޫސާ ޢަލީ ޖަލީލަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި، އޭނާ އެންޑޯޒްކުރައްވައިފިއެވެ.
މޫސާ ޢަލީ ޖަލީލް މިއަދު ވަނީ ޗަމްޕާގިރިއަށް ޒިޔާރަތްކުރައްވައި، އުއްޗުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ މޫސާ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށްޓަކައި ވޯޓު ހޯދުމުގެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުއްޗު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއެކު ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މިވަގުތު ޤައުމަށް ނުހަނު ބޭނުންވާކަން އުއްޗު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވިދާޅުވިއެވެ. މޫސާ ޢަލީ ޖަލީލް ވަނީ އޭނާއަށް ބައްދަލުކުރުމުގެ ފުރުޞަތު ދެއްވައި، މި އިންތިޚާބުގައި އޭނާއަށް ތާއީދުކުރައްވަން ނިންމެވިކަމަށްޓަކައި އުއްޗުއަށް ޝުކުރު އަދާކުރައްވާފައެވެ.



