ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ހަމަހަމަކަން އިތުރުވެ، މަޖިލީހުގައި ހުރިހާ ފަރާތްތަކެއްގެ ތަމްސީލުވުން މިހާރަށްވުރެ އަދުލުވެރިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ޔޫތު ހަބްގައި ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަންގު ޓީވީން ކުރިއަށްގެންދިޔަ މި އިވެންޓުގައި ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި ލިބޭ ނުފޫޒުގަދަ ފައިދާ ކުޑަވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެއް ދުވަހެއްގައި ވޯޓުލަންޏާ މަޖިލީހަށް ވެސް އަންނާނީ ގާތްގަނޑަކަށް ދެ ޕާޓީއަކަށް ނޫނީ ދެތިން ޕާޓީއެއްގެ ތެރޭ ބެހިގެން އެއްވަރަކަށް ނޫނިއްޔާ އީކުއަލް ރިޕްރެޒެންޓޭޝަނެކޭ. އެހެންވީމާ އެ ޗާންސަސް މި ލިބެނީ ދެ އިންތިޚާބު އެއް ދުވަހެއްގައި އޮވެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުތަކުގެ ތަފާސްހިސާބުތަކަށް ބައްލަވާލައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތް ހުރި ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން 2008 އިން ފެށިގެން 2023 އާ ހަމައަށް ބޭއްވި އިންތިޚާބުތަކުގައި މައިގަނޑު ދެ ޕާޓީގެ މެދުގައި ވޯޓު ބެހިގެންދިޔަ ގޮތް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ. މީގެ އިތުރުން، އިންތިޚާބުތައް ވަކިވަކިން ބޭއްވުމުގެ ސަބަބުން އާ ސަރުކާރެއް އެކުލަވާލުމަށްފަހު ފުރަތަމަ ހަ މަސްދުވަހު ސަރުކާރު "ލިމްބޯ" އެއްގައި އޮންނަ އޮތުން މި ބަދަލާއެކު ނިމުމަކަށް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމާ ދެމެދު 6 މަސްދުވަހުގެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ގެއްލޭ ވަގުތުތަކެއް ކަމަށާ އެ 6 މަސް ދުވަހުގެ މުއްދަތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަންކަން ކުރާ ގޮތުން، އަލަށް އިންތިޚާބުވާ ސަރުކާރަށް ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.


"އެހެންވީމާ އީކުއަލް ރެޕްރެޒެންޓޭޝަނެއްގައި މީހުން މަޖިލީހަށް ވަނުމުގެ ޗާންސަސް ވެސް މި ލިބެނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން." ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އިޞްލާޙީ އެޖެންޑާގެ ދަށުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ކޮންޓްރޯލް ކުރުމަށާއި، މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި އިޞްލާޙުތަކަކީ ޒާތީ ފައިދާއަކަށް ކުރައްވާ ކަންކަމެއް ނޫން ކަމަށާއި، މިއީ ޤައުމީ މަސްލަހަތު އިސްކޮށް، ދުރާލާ ރޭވިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
މި ހަރަކާތުގައި ރައީސް ވަނީ ޒުވާނުންނާއި އޯޑިއަންސްގެ ފަރާތުން ކުރިމަތިވި އެކި ސުވާލުތަކަށް ޖަވާބުދެއްވައި، ސަރުކާރުގެ ކުރިއަށް ހުރި އިޞްލާޙީ މަސައްކަތްތަކުގެ ތަޞައްވުރު ހާމަކުރައްވާފައެވެ.


ފޮޓޯ: ރައީސް އޮފީސް


