މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ބިނާކުރާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މަގުމަތީގައި ޕާކްކުރަން ދިމާވެފައިވާ ދަތިތަކާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރަން ގަރާޖު ނުލިބުމުގެ މައްސަލައަށް މި މަސައްކަތުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޕާކިން މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވްގެ ދަށުން ހުޅުމާލެ 1، 2 އަދި 3 ހިމެނޭހެން ޖުމުލަ ހަތް ޕާކިން ބިލްޑިންގު އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބާކީ ހުރި 6 ބިލްޑިން އެޅުމުގެ މަސައްކަތް ވެސް ދިވެހި 6 ކުންފުންޏަކާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ހުރިހާ އިމާރާތްތަކެއް ނިމުމުން ހަތަރު ފުރޮޅުލީ 2,600 އުޅަނދާއި 1,000 ސައިކަލަށް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްވާނެއެވެ.
ބެޗް ކޮންސްޓްރަކްޝަނުން ހުޅުމާލެ 1 ގައި ބިނާކުރާ 13 ބުރީގެ އިމާރާތަކީ މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އިމާރާތެވެ. މި ތަނުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ހާއްސަކުރެވިފައިވެއެވެ. މި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ޕާކިން ބިލްޑިންތައް ފަރުމާކޮށްފައިވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ޒަމާނީ ކޯޑުތަކަށެވެ. އެގޮތުން އިމާރާތުގެ އެތެރޭގައި ޓްރެފިކް ފްލޯއަށް ހާއްސަ އިސްކަމެއް ދިނުމުގެ އިތުރުން، ވިޔަފާރިތަކަށް ހާއްސަ ކޮމާޝަލް ސްޕޭސްތައް ވެސް މި އިމާރާތްތަކުގައި ހިމެނޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ. (ފޮޓޯ؛ ރައީސް އޮފީސް)





