އީރާނުން ސައުދީ އަރަބިއްޔާއަށް އިހުތިރާމްކުރާ ކަމަށާއި، ހަމަލާތައް އަމާޒުކުރަނީ ދުޝްމަނުންނަށް ކަމަށް ބުނެފި

އީރާނުން ސައުދީ އަރަބިއްޔާއަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި، އެ ގައުމަކީ އުޚުއްވަތްތެރި ގައުމެއްގެ ގޮތުގައި ދެކޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، އީރާނުގެ އަސްކަރީ އޮޕަރޭޝަންތަކަކީ އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ހަމަލާތައް އަމާޒުކުރަނީ އަރަބިންނަށް ނުވަތަ އީރާނު މީހުންނަށް އެއްވެސް އިހުތިރާމެއް ނެތް، އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލުކަން ނެތް "ދުޝްމަނު އަދުއްވުންނަށް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަރާގްޗީ އިތުރަށް ވިދާޅުވީ، ދާދި ފަހުން އީރާނުން ދިން ހަމަލާތަކުގައި ދުޝްމަނުންގެ ވައިގެ ކޮމާންޑް ސެންޓަރުތަކަށް ލިބުނު ގެއްލުންތަކަށް ބެލުމުން އީރާނުގެ އަމާޒުތައް ސާފުވާނެ ކަމަށެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށްޓަކައި ކުރެވޭ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ސަރަހައްދުން އެމެރިކާގ ސޮލީބީ ސިފައިން ބޭރުކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށްވެސް އަރާގްޗީ ވިދާޅުވިއެވެ. މިއީ ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއިން، ސަރަހައްދީ ކަންކަމުގައި ބޭރުގެ ނުފޫޒު ކުޑަކުރުމަށް އީރާނުން ގެންގުޅޭ ސިޔާސަތު ކަށަވަރުކޮށްދެއްވުމެކެވެ.

ހިއްސާ ކުރައްވާ!