ސުންނީ މުސްލިމުންގެ އެންމެ އިސް ދީނީ އިދާރާކަމަށްވާ އަޒުހަރުން ވަނީ ޔަހޫދީން ފަލަސްތީނުގެ އަސީރުން ދަންޖެއްސުމަށް ހުއްދަ ކުރާ ގާނޫނެއް ފާސްކުރުމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަޒުހަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޔަހޫދީ ސަހުޔޫނީން ހިންގަމުންދާ ޖަރީމާތަކަށް ގާނޫނީ ސިފައެއް ޖެއްސުމަށް ކުރާ ވަރަށް ނާކާމިޔާބު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ ނިންމުންތަކަކީ ގާނޫނީ ފަރުދާއެއްގެ ނިވާފަތްގަނޑުގައި ތިބެގެން ހިންގަން އުޅޭ ގަތުލުއާންމެއް ކަމަށާއި، މީގެ ސަބަބުން ހަގީގަތް ބަދަލެއްނުވާނެ ކަމަށެއެވެ.

އަޒުހަރުން ބުނެފައި ވަނީ ޔަހޫދީ ދައުލަތުގެ މި ނިންމުމަކީ އިސްރާއީލުގެ ރަހުމުކުޑަކަމާއި، އަޚްލާގީ މިންގަނޑުތަކުން ބޭރުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށާއި، މިއީ އިންސާނީ ކަރާމާތާއި އިންސާނީ ހުރިހާ އަގުތަކަކާ ޚިލާފު ކަމެއްގެ ގޮތުގައި އަޒުހަރުން ސިފަކުރާ ކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު އިނދަޖައްސާލައި މިފަދަ ލާއިންސާނީ ގާނޫނުތައް ހުއްޓުވުމަށް ދުނިޔެ މިއަދު ނުކުޅެދިފައިވާތީ އެކަމާ މެދު އަޒުހަރުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މެރުމަށް އިސްރާއީލުން ނިންމާ އެއްވެސް ނިންމުމެއް ބަލައިނުގަންނާނެ ކަމަށާއި، އެކަންކަމާ ދެކޮޅަށް ސާބިތުކަމާއެކު އޮތްކަން ވަނީ ހާމަކޮށްފައެވެ.
އަޒުހަރުގެ ބަޔާން ނިންމާލަމުން، ބައިނަލްއަގުވާމީ މުޖުތަމައަށާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ގޮވާލާފައިވަނީ، އެ ފަރާތްތަކުގެ އަޚްލާގީ އަދި ގާނޫނީ ޒިންމާ އުފުލުމަށެވެ. އަދި މި އަމަލުތައް ވަގުތުން ހުއްޓުވައި، މައުސޫމް ފުރާނަތައް ސަލާމަތްކުރުމަށާއި، މި ޖަރީމާތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް އަޒުހަރުން ވަނީ އިލްތިމާސްކޮށްފައެވެ.





