ރައީސުލްޖުމްހޫރިއްޔާގެ ޒުވާނުންގެ މަޝްވަރާ މަޖިލީސް ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު އިން، 30 އަހަރުން ދަށުގެ 117 ޒުވާނުންނާއެކު ކުރިއަށްގެންދިޔަ ޒުވާން ލީޑަރުންގެ ވޯކްޝޮޕް ނިންމާލައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ލީޑަރޝިޕާއި، ސިޔާސީ ހޭލުންތެރިކަމާއި، ހޮނިހިރު ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުންނެވެ.
އިއްޔެ ބޭއްވި މި ޕްރޮގްރާމް ބިނާކޮށްފައިވަނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށެވެ. އެއީ ޒުވާން ލީޑަރުން، ފެންނަ ނުފެންނަ ވޯޓަށް ހޭލުންތެރިކުރުވުން އަދި ސިޔާސީ ދާއިރާގައި ޒުވާނުން މި މައުޟޫއުތަކުގެ މައްޗަށެވެ. މި މަސައްކަތު ބައްދަލުވުން އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި މި ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ދޭން ބޭނުންވި މެސެޖު ހުރިހާ ބައިވެރިންނަށް ވަނީ ވަރަށް ސާފުކޮށް ފޯރުކޮށްދެވިފައެވެ.

ޒުވާން ލީޑަރުންގެ ސެޝަންގައި، ޒުވާން ލީޑަރަކަށް ވުމުގެ އަސާސްތަކާއި، އެ ދަތުރުގައި އަމިއްލަވަންތަކަން ދަމަހައްޓާނެ ގޮތާއި، ގައުމީ ނިންމުންތައް ނިންމުމުގައި ކޮންމެ ޒުވާނެއްގެ އަޑަކީވެސް މުހިންމު އެއްޗަކަށް ވަނީ ކީއްވެގެންކަން ބައިވެރިންނަށް ކިޔައިދީފައިވެއެވެ.
ފެންނަ ނުފެންނަ ވޯޓަށް ހޭލުންތެރިކުރުވުމުގެ ސެޝަންގައި، ފެންނަ ނުފެންނަ ވޯޓަކީ ކޮބައިކަމާއި، އޭގައި ބައިވެރިވުން މުހިންމުވާ ސަބަބާއި، އޭޕްރީލް 4 ގައި ބާއްވާ ވޯޓުގައި ޒުވާނުން ބައިވެރިވާންޖެހޭ ސަބަބުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި މި ވޯޓުގެ ނަތީޖާއިން ގައުމުގެ މުސްތަގުބަލު ބައްޓަންވެގެންދާނެ ގޮތާއި، "އާނ" ބަސް ބުނުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ފެސިލިޓޭޓަރުން މައުލޫމާތު ދެއްވިއެވެ.
ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ސެޝަންގައި، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ޒުވާނުންނަށް ހުރި ފުރުސަތުތައް މިހާރު އިތުރުވެފައިވާ މިންވަރު ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުންވެސް މައުލުމާތު ދެވި މަޝްވަރާކުރެވުނެވެ.
މި ވޯކްޝޮޕްގެ މަގްސަދަކީ ގައުމީ ކަންކަމުގައި ޒުވާނުން ބައިވެރިވުމާއި ސިޔާސީ ހަރަކާތަށް ޒުވާނުންގެ އިތުބާރާއި އަދި އެކަމުގެ މައުލޫމާތު ދިވެހި ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށް ޔޫތު އެޑްވައިޒަރީ ބޯޑުން ބުންޏެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަކީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމަށް ޒުވާނުންގެ މެދުގައި އޮތް ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށްވެސް ބޯޑުން ފާހަގަކުރިއެވެ.





