ބޭހާއި ސިއްހީ ސާމާނަށް އޯޑަރުކުރެވޭ ހޮޓްލައިން 1505 އާއި ޕޯޓަލް ތައާރަފްކޮށްފި

"ޕްރިސްކްރިޕްޝަން އަށް ގެންނަ ބޭހުގެ ސްޓޭޓަސް ދެނެގަނެވޭނެ ޕޯޓަލްއެއް އެބަ ތައާރަފްކުރަން. އެސްޓީއޯއިން ރާއްޖޭގައި ހިންގަމުންދާ ފާމަސީތަކާ އަޅުގަނޑުމެން ޙަވާލުވާން މި ތައްޔާރުވަނީ މިއަހަރުގެ މެދުތެރޭގައި. މި މުއްދަތުގައި ވެސް ސްޓޭޓްފާރމާގެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ބޭސް އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ،" ޑރ. ޝާހް ޢަބްދުﷲ މާހިރު

މުޅި ރާއްޖެއަށް ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހާއްސަ ހޮޓްލައިން ނަންބަރަކާއި ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.

މި އައު ޚިދުމަތާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން ނަންބަރަކީ 1505 ކަމަށެވެ. މި ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު ހަތް ދުވަހު، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން "ސްޓޭޓްފާމާ" ޕޯޓަލް މެދުވެރިކޮށް ވެސް މިހާރު ބޭހަށް އޯޑަރު ކުރެވޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޚިދުމަތަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އީފާސް ބޭނުންކޮށްގެން ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރުމާއި، އޯޑަރުގެ ސްޓޭޓަސް އަދި ޑެލިވެރީގެ ކަންތައްތައް ވަގުތުން ބަލާލެވޭނެއެވެ. މި ހޮޓްލައިން މެދުވެރިކޮށް ބޭސް އޯޑަރުކުރުމުގެ އިތުރުން، ޒަރޫރީ ސިއްހީ ސާމާނު ހޯދުމުގައި ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އަދި ފަސޭހަ އިންތިޒާމުތަކެއްގެ ދަށުން ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ މަސައްކަތް ކަމަށެވެ.

ޑރ. ޝާހް އިތުރަށް ވިދާޅުވީ، މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ލަސްނުކޮށް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މި އައު ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ސިއްހީ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!