ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ގާނޫނުން ލިބިދޭ ހައްގަކަށްވާއިރު، އެ ހައްގު އަދާކުރުމަކީ ގައުމީ ބޮޑު ވާޖިބެއްކަން ހަނދާންކޮށްދެއްވައި، ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އިލްތިމާސްކުރައްވައިފިއެވެ.
ފަލާހު މިފަދައިން އިލްތިމާސްކުރެއްވީ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ އާއްމު ވޯޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ، ވޯޓުލުމަކީ ހުރިހާ ރައްޔިތުން އަދާކުރަންޖެހޭ ގާނޫނީ ބޮޑު ޒިންމާއެއް ކަމަށެވެ.
"ދަންނަވާލަން ބޭނުންވަނީ ހުރިހާ ރައްޔިތުން އަދާކުރަންޖެހޭ ގާނޫނީ ބޮޑު ޒިންމާއެކޭ މިއީ. އެހެންވީމަ ވީހާވެސް ގިނަ ރައްޔިތުން ނުކުމެ މި ވޯޓުގައި ބައިވެރިވެ ވޯޓުލާން ގިނަ ރައްޔިތުން ނުކުތުމަކީ ގައުމީ ވަރށް ބޮޑު ވާޖިބެކެވެ،" ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ފާހަގަކުރެއްވި ގޮތުގައި، 1،350 އެއްހާ ކެންޑިޑޭޓުންނާއެކު މިއަދު ބޭއްވޭ ލޯކަލް ކައުންސިލު އިންތިހާބަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ބޭއްވޭ ވަރަށް ބޮޑު އަދި މުހިންމު އިންތިހާބެކެވެ. އެހެންކަމުން މިފަދަ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު ބައެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



