އީރާނުގެ ބޫޝެހެރު ނިއުކްލިއާ ޕްލާންޓުން ރަޝިޔާގެ އިތުރު 198 މުވައްޒަފުން ބާލައިފި

އީރާނުގެ ބޫޝެހެރު ނިއުކްލިއާ ޕަވާ ޕްލާންޓުގައި މަސައްކަތް ކުރަމުންދިޔަ ރަޝިޔާގެ އިތުރު 198 މުވައްޒަފުން އެ ގައުމުން ބާލާފައިވާ ކަމަށް ރަޝިޔާގެ ނޫސް އެޖެންސީތަކުން ރިޕޯޓުކޮށްފިއެވެ. ރަޝިޔާގެ ދައުލަތުގެ ނިއުކްލިއާ ކުންފުނި، ރޮސާޓަމްއިން މި މުވައްޒަފުން ބާލާފައިވަނީ ހޮނިހިރު ދުވަހުއެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށުނީއްސުރެ ރޮސާޓަމްއިން ދަނީ އެ ޕްލާންޓުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން މަދުކުރަމުންނެވެ. ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ކުރިންވެސް ރޭވިފައިވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕްލާންޓަށް އަމާޒުވި ހަމަލާއެއްގެ ސަބަބުން އެ ތަނުގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފަކު މަރުވެފައިވާ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ޕްލާންޓުގެ އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

ރޮސާޓަމްގެ އިސްވެރިޔާ އެލެކްސީ ލިކަޗޭވްއާ ހަވާލާދީ ރަޝިޔާގެ ނޫސްތަކުން ބުނެފައިވަނީ، ޕްލާންޓް ހިމެނޭ ސަރަހައްދުގެ ހާލަތު ގޯސްވަމުންދަނީ ބިރުގަންނަ ކަމަށެވެ. އަދި ހަމަލާގައި މަރުވި މުވައްޒަފަކީ އީރާނުގެ ރައްޔިތެއްކަން ލިކަޗޭވް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޓާސް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕްލާންޓުގެ ވަށައިގެންވާ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރޮސާޓަމްއިން ވަނީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ހިއްސާކޮށްފައެވެ.

ހިއްސާ ކުރައްވާ!