ލީބިޔާގެ ބެންޣާޒީގެ އައްސޭރިފަށުން ބޭރުގައި އޮތް ރަޝިޔާގެ ދެ ބޯޓަކަށް ދިން ހަމަލާތަކެއްގެ ޒިންމާ ޔުކްރޭނުން ރަސްމީކޮށް އުފުލައި، އެ ހަމަލާތަކުގައި ރަޝިޔާގެ އެންމެ ޒަމާނީ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ "ކޯވެޓް މާކިއުރީ" ފައްތާލައި، މުދާ އުފުލާ އާގުބޯޓެއް ކަމަށްވާ "އެމްވީ އަންގާރާ" އަށް ސީދާ ހަމަލާދީ ގެއްލުން ދީފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ރަޝިޔާއިން ވަނީ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީ، ނިއުކްލިއާ ހަމަލާއެއް ދޭންޖެހޭ ފަދަ ޙާލަތެއް މެދުވެރިވަމުންދާ ކަމަށް ބުނެފައެވެ.
ޔުކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރަޝިޔާގެ ކަނޑުގެ ސިފައިންގެ ޚިދުމަތަށް ނެރުނު "މާކިއުރީ" މަނަވަރު ފައްތާލާފައިވަނީ ޔުކްރޭނުގައި އުފައްދާފައިވާ ކަނޑުމަތީގައި ދުވާ ހަތް ޑްރޯން ބޭނުންކޮށްގެންނެވެ. މި ހަމަލާގައި އެ މަނަވަރާއެކު އޮތް "ކޭ-27″ މަރުކާގެ ހަނގުރާމަމަތީ ހެލިކޮޕްޓަރެއް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ހަމަލާ އަމާޒުވި ދެވަނަ އުޅަނދު ކަމަށްވާ "އެމްވީ އަންގާރާ" އަކީ ރަޝިޔާ ސިފައިން ހަތިޔާރު އުފުލުމަށް ބޭނުންކުރާ އުޅަނދެއް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
މި ހަމަލާތައް ދިން ގޮތާ މެދު ލީބިޔާގެ އިދާރާތަކުން ތަފާތު ރިޕޯޓުތަކެއް ވަނީ ހާމަކޮށްފައެވެ. ލީބިޔާގެ ސިފައިންގެ މަސްދަރުތަކާ ޙަވާލާދީ ބައިނަލްއަޤުވާމީ ނޫސް އޭޖެންސީތަކުން ބުނާ ގޮތުގައި، ބެންޣާޒީގެ އައްސޭރިފަށުން ބޭރުން 20 އަށް ވުރެ ގިނަ ޑްރޯން ބޯޓު ހުއްޓުވާފައިވާއިރު، އޭގެ ތެރެއިން ދެ ބޯޓު ވަނީ ރަޝިޔާގެ މަނަވަރަށް އަމާޒުކޮށް އަލިފާނުގެ ހާދިސާއެއް ހިންގާފައެވެ.
އިރުމަތީ ލީބިޔާގެ އިސް މަސްދަރަކުން މަޢުލޫމާތު ދިން ގޮތުގައި، އެއް ހަމަލާ ފެށިފައިވަނީ ބޭރުގެ ހަނގުރާމަމަތީ މަނަވަރަކުން އުދުއްސާލި ޑްރޯނަކުން ކަމަށް ބެލެވޭއިރު، އޭގެ ފަހުން މިސައިލެއް ވެސް ފޮނުވާލާފައިވެއެވެ.
އަނެއްކޮޅުން ހުޅަނގުގެ ޤައުމުތަކުގެ ރުހުމާއެކު ވެފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން، ޔުކްރޭނުގެ ޑްރޯން މާހިރުން ހުޅަނގު ލީބިޔާގެ މިސްރާތާއާއި ޠަރާބުލުސްގެ މަރުކަޒުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ލީބިޔާގެ އޮފިޝަލުންނާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.
ހަމަލާ އަމާޒުވި އުޅަނދުގައި ހުރި މުދަލާ ގުޅޭގޮތުން ވެސް ތަފާތު ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.
އިރުމަތީ ލީބިޔާގެ ކަމާބެހޭ ފަރާތްތަކުން އެ އުޅަނދު ބެންޣާޒީގައި މަޑުކުރީ ތެލާއި ކާބޯތަކެތި ބަރާކުރުމަށް ކަމަށް ބުނި ނަމަވެސް، އެހެން މަސްދަރުތަކުން ބުނާ ގޮތުގައި އެ އުޅަނދުގައި ހުރީ ހަތިޔާރާއި ވަޒަނާއި ޑްރޯންތަކެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް އެ އުޅަނދު ބެންޣާޒީއަށް ބަނދަރުކޮށް، ރަޝިޔާގެ "އެފްރިކާ ކޯޕްސް" ސިފައިން ތިބޭ އަލްޚާދިމް ވައިގެ މަރުކަޒަށް ހަތިޔާރު ބާލާފައިވާ ކަމަށް މަސްދަރުތަކުން ކަށަވަރުކޮށްދެއެވެ.
މި ހާދިސާގައި ލީބިޔާއާއި ރަޝިޔާގެ 10 މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޞިއްޙީ އިދާރާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން ސުލްޙައިގެ މަގު ޚިޔާރުނުކޮށް އިތުރު ބިންތައް ހިފުމަށް މަސައްކަތް ކުރަމުންދާތީ، ޔުކްރޭނުން ދަނީ އަމިއްލަ ދިފާޢުގައި ކުރިއެރުންތައް ހޯދަމުން ކަމަށެވެ.
މިވާހަކައިގެ ރައްދުގައި، ލީބިޔާގައި ހުންނަވާ ރަޝިޔާގެ ސަފީރު ވިދާޅުވީ މި ހަމަލާއަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށާއި، ޔުކްރޭނުން މަސައްކަތް ކުރަނީ އެހެން ފަރާތްތައް މި ހަނގުރާމައިގެ ތެރެއަށް ދަމައިގަތުމަށް ކަމަށެވެ. ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނައިބު ރައީސް ދިމިތުރީ މެޑްވެޑޭވް ވިދާޅުވީ، ލިބުނު ގެއްލުންތައް މޮސްކޯއިން ވަޒަންކުރަމުންދާ ކަމަށާއި، ޔުކްރޭނާއި ނޭޓޯގެ ޢަމަލުތަކުގެ ސަބަބުން ރަޝިޔާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ފުރުޞަތު ފަހިވާ ފަދަ ޙާލަތެއް އުފެދިފައިވާ ކަމަށެވެ.
ރަޝިޔާއާއި ޔުކްރޭނުގެ ހަނގުރާމައިގެ މައިދާން ލީބިޔާގެ ބަނދަރުތަކާއި އައްސޭރިފަށަށް ފުޅާވެގެން ހިނގައިދާނެތީ، ލީބިޔާގެ ރިޔާސީ މަޖިލީހާއި، ބައިބައި ވެފައިވާ ލީބިޔާގެ ވާދަވެރި ސަރުކާރުތައް ހިންގާ ޠަރާބުލުސް އަދި އިރުމަތީ ލީބިޔާގެ ސަރުކާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލީބިޔާއަކީ މި ހަނގުރާމައިގެ ބައިވެރިއެއް ނޫންކަން ފާހަގަކޮށް، އެ ޤައުމުގެ ސިޔާދަތަށް އުނިކަން ލިބޭ ފަދަ ބޭރުގެ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ލީބިޔާގެ އިދާރާތަކުންނާއި އދ. ގެ މިޝަނުން ވަނީ ގޮވާލާފައެވެ.





