ބައިނަލްއަގުވާމީ ގާނޫނުތަކަކީ ހަމައެކަނި ހުޅަނގުގެ މަސްލަހަތަށް އޮންނަ އެއްޗެއްތޯ އަހައި އީރާނުން ސުވާލު އުފައްދައިފި

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އީރާނުން ފީ ނަގައިގެން ނުވާނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެއްކި ވާހަކަތަކަށް އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ. ލަންޑަނުގައި ހުންނަ އީރާނުގެ އެމްބަސީން މި ރައްދު ދީފައިވާ ރައްދަކީ އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކާލަސް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދިން ރައްދެކެވެ.

ކާޖާ ކާލަސް ވިދާޅުވެފައިވަނީ ހުރުމުޒު ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލެވިފައިވާ މަގެއް ކަމަށާއި، އެތަނުން ދަތުރުކުރާ އުޅަނދުތަކަށް ފީ ނެގުމުގެ ހައްގު އީރާނަށް ލިބިގެނެއް ނުވާނެ ކަމަށެވެ. އަދި މިކަމުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އީރާނުން އިހުތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އީރާނު އެމްބަސީން ނެރުނު ބަޔާނެއްގައި ސުވާލު އުފައްދާފައިވަނީ "ބައިނަލްއަގުވާމީ ގާނޫނުތަކަކީ ހަމައެކަނި ހުޅަނގުގެ ގައުމުތަކުގެ ފައިދާއަށް ބޭނުންކުރަން އޮންނަ އެއްޗެއްތޯ؟" އެވެ.

މިނިވަން ގައުމުތަކަށް އެމެރިކާ އާއި އިސްރާއީލުން އަސްކަރީ ގޮތުން ޓެރަރިސްޓް ހަމަލަތައްދީ އެ ގައުމުތަކުގެ ލީޑަރުން އަވަހާރަކޮށްލަމުންދާއިރު ބައިނަލްއަގުވާމީ ގާނޫނުތައް ކޮބައިތޯ އަހަމުން އީރާނުން ވަނީ ސުވާލުކޮށްފައެވެ.

މީގެ އިތުރުން، އީރާނުގެ މީނާބް ސްކޫލުގައި ކިޔަވަމުންދިޔަ 170 އަންހެން ދަރިވަރުން އަދި މުދައްރިސުން ޝަހީދުކޮށްލުމާއި، އާންމު އިންފްރާސްޓްރަކްޗާއަށް ދެމުންދާ ހަމަލާތަކާ މެދު ބައިނަލްއަގުވާމީ ގާނޫނު ބުނަނީ ކީކޭތޯވެސް އެމްބަސީގެ ބަޔާނުގައި އަހާފައި ވެއެވެ. އީރާނުން ބުނި ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ވާހަކަ ހުޅަނގުން ދައްކަނީ ހަމައެކަނި އެމީހުން ބޭނުންވާ މަގްސަދެއް ހާސިލުކުރަން ޖެހުމުން އެކަންޏެވެ.

އީރާނު އެމްބަސީން ވަނީ މުނާފިގުކަން ދޫކޮށްލައި ޒަޔަނސިްޓުންގެ ތައްޕާހުން އުޅުން ހުޅަނގުން ދޫކޮށްލާނީ ކޮން އިރަކުންތޯވެސް އަހާފައެވެ.

"އަޖައިބުވާންޖެހޭ ކަމަކީ ބައިނަލްއަގުވާމީ ގާނޫނުތައް މުހިންމުވަނީ ހަމައެކަނި ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހުމުން ކަމަށްވާތީއެވެ. އިސްވެ ހަމަލާދޭ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ބަދަލުގައި، އަބަދުވެސް ކުށްވެރި ކުރަނީ އަނިޔާ ލިބޭ ފަރާތްތަކެވެ،" އީރާނުގެ ބަޔާނުގައިވެއެވެ.

ހިއްސާ ކުރައްވާ!