އިންތިޚާބުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަވާ ކަމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިޞްލާޙު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަދު ބޭއްވުނު އިންތިޚާބުތައް ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔަ ރައްޔިތުންގެ ނިންމުމަށް އެމަނިކުފާނު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" މިފަދައިންނެވެ.

މިއަދު ބޭއްވި އިންތިޚާބުތަކަކީ ރަށްރަށުގެ ތަރައްޤީއާއި އަންހެނުންގެ ކުރިއެރުވުމަށް މުހިންމު މަޤާމުތަކަކަށް މީހުން އިންތިޚާބު ކުރުމަށް ބޭއްވުނު ވޯޓެކެވެ.

އަދި ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބެއްވުމަށް ރައްޔިތުން ދެކޭ ގޮތާ މެދު ވެސް ވޯޓަށް އަހާފައި ވެއެވެ..

ހިއްސާ ކުރައްވާ!