ޕީއެންސީން އުކުޅަސް 'ޕިންކް' ކޮށްލައި، ތާރީޚީ ކާމިޔާބީ ފާހަގަކޮށްފި

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އއ. އުކުޅަހުގެ ކައުންސިލް މެޖޯރިޓީ ފުރަތަމަ ފަހަރަށް ޕީއެންސީން ކާމިޔާބުކޮށް، އެ ރަށުގައި ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ. މިއީ އުކުޅަހުގެ ތާރީޚުގައި އެމްޑީޕީއަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އުކުޅަހުން ވަނީ އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނެފައެވެ. މި އިންތިހާބުގައި އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. މިއީ އުކުޅަހު ކައުންސިލްގެ ތާރީޚުގައި އެމްޑީޕީގެ މެންބަރަކު ނުހިމެނޭ ގޮތަށް ކައުންސިލް އެކުލަވާލެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އުކުޅަހު ކައުންސިލްގެ ތިން ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި އަލީ ވަހީދު އެވެ. އަންހެނުންނަށް ޚާއްސަ ގޮނޑި އައިމިނަތު ޒޫނާ ކާމިޔާބު ކުރިއިރު، ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބު ކުރީ މުޙައްމަދު ޝަފްރާޒް އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަގާމުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މިއާއެކު އުކުޅަހުގެ މުޅި މެޖޯރިޓީ ވަނީ ޕީއެންސީން ކަށަވަރުކޮށްފައެވެ.

ޕީއެންސީން ހޯދި މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ރޭ އުކުޅަހުގައި ވަނީ ވަރަށް ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ކޭކު ފަޅައި، ހަވާ އެރުވުމުގެ އިތުރުން ރަށުގެ ޕީއެންސީ މެންބަރުންނަށް ބޮޑު ޖާފަތެއްވެސް ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި އުކުޅަހަށް ނިސްބަތްވެވަޑައިގަންނަވާ ކުޅިވަރާބެހޭ ވަޒީރު އަބްދުالله ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!