މުޅި ރާއްޖެއިން ސަރުކާރު ހިންގާ ޕީއެންސީއަށް އެންމެ ގިނަ ގޮނޑި ހޯދައިދީ، ސަރުކާރަށް އެންމެ ވަރުގަދަ ތާއީދެއް އޮތް އަތޮޅަކީ ލ. އަތޮޅުކަން ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. ލ. އަތޮޅުން އިންތިހާބުކުރަންޖެހޭ ޖުމްލަ 75 ގޮނޑީގެ ތެރެއިން 47 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
ލ. އަތޮޅުން ޕީއެންސީން ހޯދި ކާމިޔާބީގެ ތަފްސީލަށް ބަލާއިރު:
އެ އަތޮޅުގެ ފަސް ރަށެއްގެ ކައުންސިލް ރައީސްކަމުގެ ގޮނޑި ޕީއެންސީ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ކައުންސިލް މެމްބަރުންގެ 7 ގޮނޑިއާއި،
ކައުންސިލުން އަންހެނުންނަށް ހާއްސަކުރި 8 ގޮނޑި ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްގެ 5 ގޮނޑިއާއި މެމްބަރުންގެ 22 ގޮނޑި ވެސް އެ ޕާޓީން ވަނީ ނަގާފައެވެ.
މި އިންތިހާބުގައި އެންމެ ފާހަގަކޮށްލެވޭ ނަތީޖާއެއް ފެނިގެންދިޔައީ ލ. އަތޮޅުގެ ވެރިކަން ކުރާ ފޮނަދޫއިންނެވެ.
ފޮނަދޫ ކައުންސިލްގެ 5 ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑިއާއެކު، އެ ރަށުން އިންތިހާބުކުރި ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ އަހުމަދު ރިޔާޒް އެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އަހްމަދު މަމްދޫހު، އަބްދުއް ރަޢޫފް ޔޫސުފް، ވަރުދާ ހުސައިން އަދި އައިޝަތު އަޒީމާ އެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އައިޝަތު ރިޝްމާ އިންތިހާބުވިއިރު، މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އައިމިނަތު ރާފިއާ، ޝަކީލާ އަލީ، އައިޝަތު ޒޫނާ އަދި މަލަކާ މޫސާ އެވެ.
މީގެ އިތުރުން، ލ. މާވަށާއި އިސްދޫ ކައުންސިލުގެ ރައީސްކަން ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. ގާތްގަނޑަކަށް 12,600 މީހުންގެ އާބާދީއެއް އޮންނަ ލާމު އަތޮޅުގެ މި ނަތީޖާއަކީ ސަރުކާރުގެ ސިޔާސަތުތަކަށް އެ އަތޮޅުގެ ރައްޔިތުން ދިން ވަރަށް ބޮޑު ތާއީދެކެވެ.


