މާމިގިލީގައި ޕީއެންސީން ޖޭޕީ ލުހެލައިފި

އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ، އެ ރަށުގައި މިހާތަނަށް އެންމެ ބޮޑު ތާއީދެއް އޮތް އިބްރާހީމް ގާސިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ފުރަތަމަ ފަހަރަށް ގެއްލިއްޖެ އެވެ. ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން ވަނީ ތާރީޚީ ކާމިޔާބީއެއް މާމިގިލީގައި ހޯދާފަ އެވެ.

މާމިގިލީ ކައުންސިލްގެ މެޖޯރިޓީ މިހާތަނަށް އަބަދުވެސް ދަމަހައްޓަމުން އައީ ޖޭޕީންނެވެ. ނަމަވެސް، މި ފަހަރުގެ އިންތިޚާބުގައި ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އަލީ ނިހާލް (ހިންޔޭ) އާއި އަޒްލީނާ އިބްރާހިމް އެވެ. ކައުންސިލްގެ ރައީސްގެ ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުނެވެ. ނަމަވެސް، އެ މަގާމަށް ޕީއެންސީން ވާދަކުރި ކެންޑިޑޭޓް ނާކާމިޔާބުވީ ވަރަށް މަދު ވޯޓެއްގެ ތަފާތުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުން ވެސް ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެ ކޮމެޓީގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު، ބާކީ ދެ ގޮނޑި ލިބުނީ ޖޭޕީއަށެވެ. މީގެ ތެރޭގައި ކޮމެޓީގެ ރައީސާގެ މަގާމު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް ދިމްޝާ އަހްމަދު (ދިމްކޮ) އެވެ. މީގެ އިތުރުން މެންބަރު ކަމުގެ ދެ މަގާމު ކާމިޔާބު ކުރީ މަރިޔަމް ސަމާ އާއި އުއްމުކުލްޡޫމް (އުއްމު) އެވެ.

މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށް ކަމަށްވެފައި، އެ ރަށަކީ އެ ޕާޓީގެ އެންމެ ވަރުގަދަ ކިއްލާގެ ގޮތުގައި ބެލެވޭ ގާސިމްގެ އެއާޕޯޓު އޮންނަ ރަށެވެ. މި ފަހަރުގެ އިންތިޚާބަކީ އެ ރަށުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އެއް އިންތިޚާބެވެ. ޖޭޕީ އާއި ޕީއެންސީގެ އިތުރުން އެމްޑީޕީ އާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވެސް އިންތިޚާބުގައި ބައިވެރިވި އެވެ.

ޕީއެންސީން ވާދަކުރި އެހެން ކެންޑިޑޭޓުން ވެސް ވަނީ އުންމީދީ އަދަދަކަށް ވޯޓު ހޯދާފަ އެވެ. މިއީ މާމިގިލީގެ ތާރީޚުގައި ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރެވެ.

ހިއްސާ ކުރައްވާ!