މިނިސްޓަރ އާދަމް ޝަރީފްގެ ރަށުގެ ހުރިހައި ގޮނޑިއެއް ޕީއެންސީއަށް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިންތިޚާބުގައި ރ. ފައިނުގެ ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބު ކޮށްފިއެވެ. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުގެ އުފަން ރަށުން ސަރުކާރު ޕާޓީ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

މި އިންތިޚާބުގައި ފައިނު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް މުހައްމަދު ސަމީރު އެވެ.
ސަމީރު ވަނީ 210 ވޯޓް ހޯދާފައެވެ.
މީގެ އިތުރުން ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓް ކާމިޔާބުކުރީ ވޯޓަކާ ނުލައި އިންތިޚާބުވެގެންނެވެ.

ކައުންސިލްގައި ދެން ހިމެނޭ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކޮންގްރެސްގެ ކެންޑިޑޭޓް އަބްދުއްރައޫފް އަބްދުއްރަހްމާން އެވެ.
އޭނާ ވަނީ 194 ވޯޓް ހޯދާފައެވެ. ރައޫފާއި ވާދަކުރި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ވަހީދަށް ލިބުނީ 131 ވޯޓެވެ.

ފައިނުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ (ޑަބްލިއުޑީސީ) އިންތިޚާބުވެސް ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕާޓީންނެވެ.
އެގޮތުން ކޮމެޓީގެ ރައީސާ އަކަށް ހޮވުނީ ކޮންގްރެސްގެ ކެންޑިޑޭޓް އާމިނަތު ޒިދުނާ އެވެ. އަދި މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީ ސާރާ އިބްރާހީމް އާއި ހަފީޒާ އިބްރާހީމް އެވެ.

މި ނަތީޖާއާއެކު ފައިނު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތްމަތީގައެވެ.

ހިއްސާ ކުރައްވާ!