ކެންދޫގެ ހުރިހާ ގޮނޑިއެއް ކޮންގްރެސްއިން ކާމިޔާބުކޮށް، އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ

ބ. ކެންދޫގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހި، އެ ރަށުގެ ހުރިހާ ގޮނޑިއެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. އެމްޑީޕީގެ މަޖލިސް މެންބަރު މައުރޫފާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ މެންބަރު އަލީ ހުސައިން ނިސްބަތްވެވަޑައިގަންނަވާ ކެންދޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށް، މުޅި ރަށް މިހާރު ވަނީ ޕިންކު ކޮށްލާފައެވެ.

ކެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ސާން އެވެ. ސާން މި މަޤާމު ކާމިޔާބުކުރީ 454 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބިފައިވަނީ 360 ވޯޓެވެ.

މީގެ އިތުރުން، ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ވެސް ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ނައިލާ ނިޒާރު އެވެ. ނައިލާ 444 ވޯޓު ހޯދިއިރު، އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ލިއުޝާއަށް ލިބުނީ 342 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ (ޑަބްލިއުޑީސީ) އިންތިޚާބުގައި ވެސް ކޮންގްރެސްއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ނަޒީރާ އަހްމަދު އެވެ. އޭނާ 329 ވޯޓު ހޯދިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިފާއަށް ލިބުނީ 265 ވޯޓެވެ.

އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ބާކީ އޮތް ދެ މަޤާމު ވެސް ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކޮންގްރެސްގެ ކެންޑިޑޭޓް ގަމަރިއްޔާ އަބޫބަކުރާއި ނަޒީރާ އަލީ ވަނީ މި ގޮނޑިތައް ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު ކެންދޫގެ އިދާރީ ހިންގުމުގެ ހުރިހާ ދާއިރާއެއްގެ ފުރިހަމަ ކޮންޓްރޯލް މިހާރު ވަނީ ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައެވެ.

ހިއްސާ ކުރައްވާ!