ވޭތުވެދިޔަ 15 އަހަރު ދުވަހު އެމްޑީޕީގެ ބޮޑު ތާއީދެއް އޮތް އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށް، އެ ރަށުން އެމްޑީޕީ ލުހެލައިފިއެވެ. މި އިންތިޚާބުގައި މާޅޮހު ކައުންސިލްގެ ދެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ކާމިޔާބު ކުރީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ.
މާޅޮހު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ރާޝިދު އެވެ.
އޭނާ މި ގޮނޑި ކާމިޔާބު ކުރީ 238 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ސަލީމަށް ލިބުނީ 230 ވޯޓެވެ.
މީގެ އިތުރުން ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ނަޔާޒް އެވެ. ނަޔާޒަށް 244 ވޯޓު ލިބިފައިވެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ.
އެގޮތުން ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބުވީ 235 ވޯޓު ހޯދި މަރިޔަމް އިހްސާނާ އެވެ.
މެންބަރު ކަމުގެ އަނެއް ދެ މަގާމަށް އިންތިޚާބުވީ 245 ވޯޓު ހޯދި ޙައްވާ ސަމާ އާއި 236 ވޯޓު ހޯދި އައިމިނަތު ޝަޒީމާ އެވެ.
މި ނަތީޖާއަކީ ފާއިތުވި 15 އަހަރު އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް މާޅޮހުން އެ ޕާޓީއަށް ނޫނެކޭ ބުނެ، ރަށުގެ ހިންގުން ސަރުކާރު ހިންގާ ޕާޓީއާ ހަވާލުކުރި ތާރީޚީ ބަދަލެކެވެ.



