އިންތިޚާބުގައި ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް، ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ލޯތްބަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަލްއުސްތާޒާ އަޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުގެ ގޮނޑި ކާމިޔާބު ނުވިޔަސް، ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބުމަކީ އޭގެ ޒާތުގައި ލިބުނު ވަރަށް މަތިވެރި ނަސްރެއް ކަމަށެވެ. އަދި އެކަން ބަލައިގަންނަނީ ހިތްތިރިކަމާއި ޝުކުރުވެރިކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ދަތުރަކީ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި ދަތުރެއް ނޫން ކަމަށާއި، މިއީ އާއިލާތަކުގެ ހައްގުގައި ވަކާލާތުކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށް އަލައިކާ ވިދާޅުވިއެވެ.
"މިއީ އިގްތިސާދީ ބާރުވެރިކަމާއި މާލީ މިނިވަންކަން ކުރިއެރުވުމަށް ކުރި މަސައްކަތެއް. އެއީ ހަމައެކަނި ލިބޭ އިނާޔަތްތަކެއް ނޫން، އެއީ އަޅުގަނޑުމެން އެންމެންގެ ހައްގުތަކެއް،" އަލައިކާ ވިދާޅުވިއެވެ.
ސިޔާސީ ދަތުރުގައި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން އަލައިކާ ވިދާޅުވީ، ބައެއް ފަހަރު މާޔޫސީއާއި ބޭވަފާތެރިކަމާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އޭނާގެ މަގްސަދާއި އަމަލުތަކާ ނުގުޅޭ ގޮތަށް ސިފަކޮށް، ތަފާތު ލޭބަލްތައް އެޅުވި ނަމަވެސް، އޭނާ ހުރީ އަމިއްލަ އުސޫލުތަކާއި ގަބޫލުކުރާ ހަމަތަކުގައި ސާބިތުވެ ކަމަށް ވިދާޅުވިއެވެ.
އަލައިކާ ވިދާޅުވީ، މިއަދަކީ ދަތުރުގެ ނިމުން ނޫން ކަމަށާއި، މިއީ އާ ހިތްވަރަކާއެކު ކުރިއަށް ދިއުމަށް ލިބުނު އަލިމަގެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.


