ފުވައްމުލަކުން ޕީއެންސީ ފޮހެލި ކަމަށް ބެލެވުނީ އޮޅުމަކުން؛ އެ ޕާޓީއަށް އެއް ގޮނޑި ކާމިޔާބުވެއްޖެ

ފުވައްމުލަކު ސިޓީ ކައުންސިލް އިންތިޚާބުގެ ނަތީޖާ އެންމެ ފުރަތަމަ ދެއްކި ގޮތުން ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ނުލިބޭ ކަމަށް ބެލެވުނެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި އެ ޕާޓީން ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ. މިއާއެކު ފުވައްމުލަކުން ޕީއެންސީ މުޅިން ފޮހެވިގެން ދިޔަ ކަމަށް ދެކެވުނު ވާހަކަތަކަކީ އޮޅުމެއްކަން ވަނީ ހާމަވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ އެންމެ ފުރަތަމަ ދެއްކި ގޮތުން ފުވައްމުލަކުގެ ނުވަ ގޮނޑީގެ ތެރެއިން އަށް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްގެ މޭޔަރު ގޮނޑި ވެސް ހިމެނެއެވެ. އަދި ބާކީ އޮތް އެއް ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ނެގި ކަމަށް ކުރިން ވަނީ ދައްކާފައެވެ.

ނަމަވެސް، ޕީއެންސީން ވަނީ ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.
ޕީއެންސީ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލެއްވި އައިޝަތު އަބްދުލްގާދިރަށް 483 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓު ޝީޒާ އިބްރާހިމަށް ލިބިވަޑައިގަތީ 481 ވޯޓެވެ.
މި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރީ އެންމެ ދެ ވޯޓުގެ ތަފާތެވެ.

ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އައިޝަތު އަބްދުލްގާދިރަކީ މިހާރު ވެސް އެ ދާއިރާގެ ކައުންސިލް މެމްބަރުގެ މަގާމު ފުރަވަމުންދާ ކައުންސިލަރެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ނުވަ ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ހަތް ގޮނޑި ލިބިފައިވެއެވެ. އަދި ޕީއެންސީއަށް އެއް ގޮނޑި ލިބިފައިވާއިރު، އަމިއްލަ ކެންޑިޑޭޓަކު ވެސް ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.

އީސީގެ އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލުން އެމްޑީޕީއަށް ލިބިފައިވަނީ ޖުމްލަ އަށް ގޮނޑިއެވެ. އަދި ޕީއެންސީއަށް ވަނީ އެއް ގޮނޑި ކާމިޔާބުވެފައެވެ.

ހިއްސާ ކުރައްވާ!