ކ. މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އެމްޑީޕީ ބަލިކޮށް ވެރިކަންކުރާ ޕީއެންސީން މާފުށީގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މިއީ އެމްޑީޕީ ވުޖޫދުވީއްސުރެ މާފުށިން އެ ޕާޓީއަށް މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރެވެ.
މާފުށީ ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ހިމެނެއެވެ. ބާކީ އޮތް 2 ގޮނޑީގެ ތެރެއިން އެއް ގޮނޑި އެމްޑީޕީއަށް ލިބުނުއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ.
މާފުށީ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަލީ ޝައްމޫން އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އޭނާއަށް 670 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ޝައްމޫނާ ވާދަކުރެއްވީ މިހާރުވެސް ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ސުލާހެވެ. ސަލާހަށް ލިބިވަޑައިގަތީ 487 ވޯޓެވެ.
ކައުންސިލްގެ އިތުރުން މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެޖޯރިޓީވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ ކޮމިޓީގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ޝަމްސީނާ މުހައްމަދު އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބާކީ ހުރި 4 ގޮނޑީގެ ތެރެއިން 2 ގޮނޑި ޕީއެންސީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.



