ގއ. ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީއަށް

ގއ. ވިލިނގިލީގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވިލިނގިލިން އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވިލިނގިލި ކައުންސިލްގެ 5 ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 5 ގޮނޑިއާއެކު ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ވިލިނގިލި ކައުންސިލްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ވިޝާލް މުހައްމަދު އެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ މުހައްމަދު އަބްދުލްއަހަދު އާއި އަޝްރަގު ގާދިރެވެ. އަދި ކައުންސިލްގެ އަންހެން މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ އަޒީމާ ހަސަނާއި ސުއޫދާ ނާސިރެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ އައިޝަތު ސާޖިދާ އެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޝަހުޒާ އަބްދުލްއަޒީޒާއި، ޝަޒްލީނާއި، މާހިރާއި، ޖީޒާ އަބްދުﷲ ގެ އިތުރުން ސިރިޔާޒާ އިބްރާހިމެވެ.

 

ހިއްސާ ކުރައްވާ!