ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދެ ބޭފުޅުން ސަރުކާރުގެ މަތީ މަގާމުތަކުން މިއަދު ވަނީ ވަކިކޮށްފައެވެ. މަގާމުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ.
މީގެ އިތުރުން، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ ދަރިިކަލުން އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވެއެވެ. ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މުންދު އާއި ސަލްމާ މަގާމުން ވަކިކުރި ނަމަވެސް، އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކިކޮށްފައި ނުވާ ކަމަށެވެ.
މި ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ، މިފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަން ވަނީ ކަށަވަރުވެފައެވެ. އެ އޯޑިއޯގައި މެންބަރު އަސްމާ ރަޝީދު ސަރުކާރަށް ފާޑުވިދާޅުވެފައިވާ ކަމަށް އިވެއެވެ.



