އިޒުނަނެތި އަމިއްލަ ޒާތީ އަދި ޖިންސީ ފޮޓޯތައް ފަތުރާ ޕްލެޓްފޯމްތަކުގެ ވެރިންނަށް ޖަލު ހުކުމް އަންނަ ގޮތަށް އޮންލައިންގެ ސަލާމަތީ ގާނޫނުތައް ވަރުގަދަ ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ނިންމާފައެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިޒުނަނެތި ހިއްސާކޮށްފައިވާ އަމިއްލަ ޒާތީ ފޮޓޯތައް ނެގުމަށް މީޑިއާ ރެގިއުލޭޓަރީ އިދާރާ އޮފްކޮމް އިން ކުރާ އަމުރުތަކަށް ޕްލެޓްފޯމްތަކުން އަމަލުނުކޮށްފިނަމަ، ޓެކް ކުންފުނިތަކުގެ އިސްވެރިން އެކަމަށް އަމިއްލައަށް ޒިންމާވާންޖެހޭނެ" ކަމަށެވެ.
މިހާރު އިނގިރޭސި ޕާލަމެންޓަށް ހުށަހެޅިފައިވާ ކްރައިމް އެންޑް ޕޮލިސިން ބިލަށް އިސްލާހެއް ގެނައުމަށް ލޭބަރ ސަރުކާރުން ވަނީ ނިންމާފައެވެ.
މި އިސްލާހުގެ މަގްސަދަކީ އާންމުން "ނުބައި އޮންލައިން އޮރިޔާން ކާޑް" އިން ރައްކާތެރިކުރުމެވެ. މި ބިލަށް އިސްލާހު ގެނައުމަށް ސަރުކާރަށް ބޭނުންވާ އަޣުލަބިއްޔަތު ހައުސް އޮފް ކޮމަންސްގައި ލިބިފައި ވެއެވެ.
މިދިޔަ ފެބްރުއަރީ މަހު މިނިސްޓަރުން ވިދާޅުވެފައިވަނީ، އިޒުނަނެތި ހިއްސާކުރާ މިފަދަ ފޮޓޯތައް ނެގުމަށް ޕްލެޓްފޯމްތަކަށް 48 ގަޑިއިރުގެ މުހުލަތެއް ގާނޫނުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
މި ނިންމުން ނިންމާފައި ވަނީ އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމުގައި އޭއައި އެސިސްޓެންޓް "ގްރޮކް" ބޭނުންކޮށްގެން، ހަގީގީ މީހުންގެ ޖިންސީ ފޮޓޯތައް ހެން ހީވާ ފޮޓޯތައް އުފައްދާ މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވުމުންނެވެ.






