ޕާކިސްތާނުގެ ކަރާޗީގެ ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ގޭހުގެ ޕްރެޝަރު ރަނގަޅު ކުރުމަށްޓަކައި، އާދިއްތަ ދުވަހު 24 ގަޑިއިރަށް ގޭހުގެ ހިދުމަތް މެދުކަނޑާލުމަށް ސުއީ ސަަަދަން ގޭސް ކޮމްޕެނީ (އެސްއެސްޖީސީ) އިން ނިންމައިފިއެވެ.
އެސްއެސްޖީސީން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ހުރިހާ ދާއިރާތަކަކަށްވެސް އެކަށީގެންވާ މިންވަރަށް ގޭސް ފޯރުކޮށްދިނުމަށާއި، ގޭސް ހޮޅިތަކުގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ނިންމި ނިންމުމެކެވެ. މި މެދުކަނޑާލުމުގެ ތެރޭގައި ހުރިހާ ސިނާއީ ކަސްޓަމަރުންނާއި ކެޕްޓިވް ޕަވަރ ޕްލާންޓްތައް ހިމެނެއެވެ.
މީގެ ކުރިން އޭޕްރީލް 6 ވަނަ ދުވަހުވެސް ކަރާޗީގެ އެކި ސަރަހައްދުތަކަށް ގޭސް ދޫކުރާ ތާވަލަށް ބަދަލުތަކެއް ގެނެސް، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ހިދުމަތް މެދުކަނޑާލާފައިވެއެވެ.
ބޮޑަށް ބެލެވެނީ ގޭސް އިގްތިސާދު ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް މީޑިއާއިން ބުނެއެވެ. ބައެއް ސަރަހައްދުތަކުގެ ރައްޔިތުންވެސް ވަނީ ހެނދުނުގެ ވަގުތުތަކުގައި ގޭސް ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށްފައެވެ.




