ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެއި މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސްރީލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތްކުރެވޭނެ އާ ދާއިރާތަކެއް ހޯދުމަށް މިހާރު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށާފައެވެ. މިއީ ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން، ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދްރަސޭކަރް އާއި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު ވަނީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ބީ.ކޭ. ކޮލިތަ ކަމާލް ޖިނަދާސަ ވެސް ބައިވެރިވެވަޑައިގަތެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އާ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން ކަމަށް ލަންކާއިން ބުނެއެވެ. ރާއްޖޭގައި މިހާރުވެސް 17,000 އެއްހާ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރަމުންދެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.




