މިހާރު ދުވާލެއްގެ މައްޗަށް 5,000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރޭ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، މިހާރު ދުވާލެއްގެ މައްޗަށް 5,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި މަހުގެ މިހާތަނަށް އެކަނިވެސް 56,136 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވޭތުވެދިޔަ 45 ދުވަހުގެ ތެރޭގައި ޖުމްލަ 626 ފްލައިޓް ކެންސަލްވެފައިވާ ކަމަށެވެ. ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްކޮޅު ދުވާލަކު 20 ފްލައިޓް ކެންސަލްވި ނަމަވެސް، މިހާރު އެ އަދަދު ވަނީ 14 އަށް ދަށްވެފައެވެ.

ވަޒީރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައާ ގުޅިގެން ވަގުތީ ގޮތުން ދަތުރުތައް މެދުކަނޑާލި ބައެއް އެއަރލައިންތަކުން މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ. އެގޮތުން ގަތަރު އެއަރވޭސް އާއި އެމިރޭޓްސް އިން މިހާރު ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރަމުންދާ ކަމަށާއި، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ނިސްބަތް 25 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، އަހަރުގެ މިހާތަނަށް ޖުމްލަ ހަތް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. "ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ ނިސްބަތް މަދުވި ނަމަވެސް މިހާރު އެ އަދަދު ދަނީ އިތުރުވަމުން،" ވަޒީރު ވިދާޅުވިއެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,103 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެއަށް ގެންނަ ކާގޯ ސަޕްލައިއަށް އެއްވެސް ބުރޫނާރާ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި އޮތުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ ހާލަތު މޮނީޓާކޮށް ވަޒަން ކުރަމުންނެވެ.

ހިއްސާ ކުރައްވާ!