ރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިމިފައިވޭ: އިސްލާމިކް މިނިސްޓަރު

މިއަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކޮށް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ޙައްޖުވެރިންނަށް އެއްވެސް ހުރަހެއް އޮތް ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ޙައްޖުވެރިންގެ ވިސާގެ ކަންކަމާއި، ފްލައިޓްތަކުގެ އިތުރުން ސައުދީ އަރަބިއްޔާގައި ތިބޭނެ ހޮޓާތަކުގެ އިންތިޒާމުތައް ވެސް ވަނީ ވަރަށް ދުރާލާ ނިމިފައެވެ.

"ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ވިސާއާ ފްލައިޓް ދަތުރާއި ހޮޓަލުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި،" ވަޒީރު ވިދާޅުވިއެވެ. މިއަހަރުގެ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ސައުދިއާ އެއާލައިންގެ ފްލައިޓްތަކުގައެވެ.

މިއަހަރުގެ ޙައްޖުވެރިން ފުރަން ފެށުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި މީހުންގެ އަދަދުތަކަކީ:

  • ފްލައިޓް 1: 15 މޭ – 242 މީހުން
  • ފްލައިޓް 2: 17 މޭ – 250 މީހުން
  • ފްލައިޓް 3: 18 މޭ – 243 މީހުން
  • ފްލައިޓް 4: 19 މޭ – 250 މީހުން

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް "މައްކާ ރޫޓް" އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އިންތިޒާމުގެ ދަށުން ޖިއްދާ އެއާޕޯޓުގައި އިމިގްރޭޝަން ކަންކަމަށް މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ޙައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ އެމީހުން ތިބޭ ހޮޓަލުންނެވެ. މިކަމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާގެ އެޑްވާންސް ޓީމެއް އަންނަ ހަފުތާގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މައްކާ ރޫޓްގެ ޚިދުމަތަކީ ޙައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަން ލުއިކޮށްދިނުމަށް ސައުދީ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތެކެވެ. ރާއްޖެއަށް މި ޚިދުމަތް ފުރަތަމަ ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޙައްޖުގެ ކަންކަން ވެސް އެއްވެސް ދަތިކަމެއް ނެތި އޮމާންކަމާއެކު ކުރިއަށް ގެންދިއުމެވެ.

ހިއްސާ ކުރައްވާ!