ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ފަށްޓަވައިފިއެވެ. މި ބަދަލުތަކުގެ ތެރެއިން މިއަދު ވަނީ ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއަށްފަހު، ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. މިއަދު ފެނިގެން މިދަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ސަރުކާރުގެ މަސައްކަތްތައް އާ ހަކަތައަކާއެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކެވެ.
މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްތިއުފާ ދެއްވި ބައެއް ވަޒީރުންނަކީ އެބޭފުޅުންގެ މިނިސްޓްރީތަކުގައާއި، އަދި ނިމިދިޔަ އިންތިޚާބުގައިވެސް އެބޭފުޅުންގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ނަތީޖާތަކެއް ދައްކަވާފައިވާ ބޭފުޅުންނެވެ. އެހެންކަމުން، ސަރުކާރުގެ އާ އޮނިގަނޑުގެ ތެރެއިން މިއިން ބައެއް ބޭފުޅުންނަށް ކެބިނެޓުން އަލުން ޖާގަ ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ:
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރައްވައިފިއެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ކެބިނެޓަށް މި ގެނެވޭ ބަދަލުތަކުގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ރައީސް ވަނީ ފަށްޓަވާފައެވެ. އެގޮތުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަނީ މަގާމުން ވަކިކުރައްވާފައެވެ. މިއީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ހިންގުން އެންމެ މަތީ ފަންތީގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުގެ ބައެއްގެ ގޮތުގައި ބެލެވެއެވެ.


