ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ އެމަނިކުފާނުގެ އާ ކެބިނެޓް އިޢުލާނުކުރައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި، އާ ލީޑަރޝިޕެއް ތައާރަފް ކުރެއްވުމަކީ ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ އެޖެންޑާ ތަންފީޒުކުރުމަށް އެޅުއްވި އާ ފެށުމެކެވެ. އެއް ދުވަހެއްގެ ތެރޭގައި 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި އެވެ. އމާގިނަ އިރެއް ނުވަނީސް 12 މިނިސްޓްރީގެ މައްޗަށް އެކުލެވޭ ކުޑަ ކެބިނެޓެއް ވަނީ ހުވާކޮށްފައެވެ. މިއީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގައި ފެނިގެންދިޔަ ބޮޑު އެއް ބަދަލެވެ.
ނަމަވެސް، މި މަންޒަރުތަކުގެ އަޑީގައި އޮތީ މިއަށްވުރެ ފުން، ޒަމާނަށް މޫލާފައިވާ ގޮންޖެހުމެކެވެ. އެއީ ހަމައެކަނި ކެބިނެޓަށް ގެންނަ ބަދަލަކުން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ސިވިލް ސާވިސް، ޚާއްޞަކޮށް ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް)، މަސައްކަތް ކުރަމުންދަނީ މިނިވަން، އަދި ވަކި ސަގާފަތެއްގައި ހިފެހެއްޓިފައިވާ އިދާރީ ނިޒާމެއްގެ ގޮތުގައެވެ. މީގެ ސަބަބުން ސިޔާސީ އެޖެންޑާތައް ތަންފީޒުކުރުން ލަސްވެ އެވެ. އަދި، ހިމޭންކަމާއެކު ގަވާއިދުތަކުގެ ނިވަލުގައި ހުރަސްތައް ކުރިމަތި ކުރުވައެވެ،.
ރާއްޖޭގެ ދައުލަތުގެ އިދާރީ އިސްލާހާއި އެޗްއާރު ސްޓްރެޓެޖީއަށް ބަލާއިރު، ފެންނަން އޮތް ހަގީގަތަކީ ސާފު ކަމެކެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓޭ ހިސާބަކީ މިނިސްޓަރުންނާ ހަމައިންނެއް ނޫނެވެ. އެކަން ހުއްޓެނީ އެބޭފުޅުންގެ ދަށުގައި އޮތް އިދާރީ މެޝިނަރީއާ ހަމައިންނެވެ.
ކެބިނެޓްގެ ވަޒިރުން އެންމެ ރެއަކުން ބަދަލުކުރެވިދާނެއެވެ. ނަމަވެސް މިނިސްޓްރީއެއްގެ ހިންގުމެއް އެ ގޮތަކަށް ބަދަލެއް ނުކުރެވެއެވެ.
ސިވިލް ސާވިސް ކޮމިޝަން އުފައްދާފައިވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ފަންނީ އިދާރީ ހިންގުމެއް ގާއިމު ކުރުމަށެވެ. ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރަނީ މިނިސްޓަރުން ނުވަތަ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. އެއީ ކޮމިޝަނުން ކުރާ ކަމެކެވެ. އަދި މިނިސްޓްރީތަކުގެ އިދާރީ ހިންގުމާއި، މުވައްޒަފުންގެ ކަންކަމާއި، މަސައްކަތްތައް ތަންފީޒުކުރުމުގެ ގާނޫނީ ބާރު އޮންނަނީ އެބޭފުޅުންގެ އަތްޕުޅުގައެވެ.
ތިއަރީއެއްގެ ގޮތުން ބަލާއިރު، މިއީ ސިޔާސީ ނުފޫޒުން ވެރިކަން ހިންގުން ރައްކާތެރިކޮށްދޭ ކަމެކެވެ. ނަމަވެސް އަމަލީ ގޮތުން ބަލާއިރު، މީގެ ސަބަބުން ސިޔާސީ އުންމީދުތަކާއި އިދާރީ ހިންގުމާ ދެމެދު ވަނީ ތަފާތެއް އުފެދިފައެވެ.
ކުރީގެ އިސް އޮފިޝަލަކު މިކަން ސިފަކޮށްދެއްވީ ވަރަށް ސާދާކޮށެވެ.
"މިނިސްޓަރުން ވަޑައިގަންނަވަނީ އަވަސް ގޮތަކަށް ނަތީޖާ ހާސިލުކޮށް ދެއްކެވުމަށެވެ. ޕާމަނަންޓް ސެކްރެޓަރީން ތިއްބަވަނީ އިޖުރާއަތްތަކުގެ ނިވަލުގައި ފިލާފައެވެ. އަބަދުވެސް ކާމިޔާބު ވަނީ އިޖުރާއަތެވެ."
މިފަދަ ކޯޅުންތައް އެކި ސަރުކާރުތަކުގައި ފެނިފައިވީ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގައި މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ހަޔަރ އެޑިއުކޭޝަން، ސޯޝަލް ޑިވެލޮޕްމަންޓް، ޓޫރިޒަމް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ފަދަ އިދާރާތަކުން ކަންކަން ލަސްވުމާއި، ރައްޔިތުންނަށް ޖަވާބު ނުދިނުމާއި ކަންކަން ލަސްކުރުމާއި އުސޫލުތައް ސާފުނުވުމާއި، މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ޝަކުވާ އާންމުންގެ ފަރާތުން ތަކުރާރުކޮށް ވަނީ ލިބިފައެވެ. މިނިސްޓަރުން ބަދަލުވިޔަސް މި ފާޑުކިޔުންތައް ބަދަލެއް ނުވެއެވެ. މިއިން ދޭހަވަނީ މައްސަލައަކީ މިނިސްޓަރގެ ލީޑަރޝިޕްގެ ވައްޓަފާޅި އެއް ނޫން ކަމާއި، އެއީ މުއައްސަސާގެ ތެރޭގައި އަށަގެންފައި އޮތް ލަސްކަމެއް ކަމެވެ.
މިކަމުގައި ހަޔަރ އެޑިއުކޭޝަންގެ މިސާލު ނަގަމާ ހެއްޔެވެ؟ އެ މިނިސްޓްރިއަކީ އިދާރީ ހުރަސްތަކުގެ ކޭސް ސްޓަޑީއެއް ކަމުގައި ބެލެވިދާނެއެވެ.
މި ސަރުކާރުގައި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަކީ ދެ ފަހަރަކު ވަޒީރުން ބަދަލު ކުރެވުނު ވުޒާރާއެކެވެ. އަދި އާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވި އެއް ތަނެވެ. ފޯނު ކޯލުތަކާއި އީމެއިލާއި ސިޓީތަކަށް ޖަވާބު ނުދިނުމާއި ލޯނު ދޫކުރުން ލަސްވުމާއި، މުއާމަލާތް ކުރުމުގައި ހުރި ދަތިތަކާއި، އިއުލާންތަކާއި ޝަރުތުތައް ބަދަލު ކުރުމުގެ ޝަކުވާ ބެލެނިވެރިންނާއި ދަރިވަރުން ކުރެއެވެ. ސިޔާސީ ލީޑަރޝިޕަށް ބަދަލު ކުރި ފަހުންވެސް މި މައްސަލަތައް ދެމިއޮތެވެ.
މިއީ އެޗްއާރު މާހިރުން ފާހަގަ ކުރާ "ސްޓްރަކްޗަރަލް ރެސިސްޓެންސް" ނުވަތަ "އޮނިގަނޑުގެ ތެރެއިން ކުރިމަތި ކުރުވާ ހުރަސް" ކަމަށް ބުނާ ކަމުގެ މިސާލެކެވެ. ލީޑަރޝިޕުން ކިތަންމެ އިރުޝާދެއް ދިނަސް، މުއައްސަސާގެ އިދާރީ ވިއުގަ އޭގެ އަމިއްލަ ދުވެލީގައި، ތަފާތު ކަންކަމަށް އިސްކަން ދިނުމާއި ބޮޑު ވަރުވަރިހަމައިގައި އޮތުމުގެ ނަތީޖާއެވެ.
އިންތިގާލީ މަރުހަލާގައި އެ މިނިސްޓްރީއާއެކު މަސައްކަތް ކުރެއްވި ސީނިއާ ޕޮލިސީ އެޑްވައިޒަރަކު ވިދާޅުވި ފަދައިން، މިނިސްޓަރު ތިން ފަހަރު ބަދަލުކުރިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. ޕީއެސް އަކީ މަސައްކަތް ތަރުތީބު ކުރާ އަދި ކަންކަމަށް ހުއްދަ ދޭ ތާވަލް ކޮންތްރޯލު ކުރާ ފަރާތެވެ. މިނިސްޓަރުން މިސްރާބު ކަނޑައެޅުއްވި ނަމަވެސް، މަސައްކަތުގެ ދުވެލި ނިންމަނީ ސިވިލް ސާވިސްއިންނެވެ.
މިއީ ހަމައެކަނި މަތީ ތައުލީމާ ބެހޭ ވުޒާރާއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި އިޖުތިމާއީ ޚިދުމަތްތަކާއި، ޒުވާނުންނާ ބެހޭ ވުޒާރާތަކުން ވެސް މިފަދަ ޝަކުވާތައް ވަނީ ތިލަވެފައެވެ.
ތަފާތު މިނިސްޓަރުންނާއި، އާންމު ރައްޔިތުން ކުރާ މި ޝަކުވާތައް އެއްގޮތް ވުމުން ދޭހަވަނީ މިއީ މުޅި ނިޒާމުގައި އޮތް މައްސަލައެއް ކަމެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ ސިޔާސީ ލީޑަޝިޕާއި މިނިސްޓްރީގެ އާންމު ޚިދުމަތްތަކާ ދެމެދު އޮންނަންޖެހޭ ފާލަމެކެވެ. އެ ބޭފުޅުންނަކީ މަސައްކަތްތައް ތަންފީޒުކުރުމާއި، މުވައްޒަފުން ބެލެހެއްޓުމާއި، އަދި ސިޔާސީ ލީޑަޝިޕަށް ބަދަލު އަންނަ ހިނދު މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކުރަން ތިއްބަވާ ބޭފުޅުންނެވެ.
ނަމަވެސް ރާއްޖޭގައި މި ފާލަމަކީ ގިނަފަހަރަށް ނަތީޖާ ނެރެ ދިނުމަށް ކުރިމަތި ކުރާ ހުރަހެވެ.
މިކަމަށް މެދުވެރިވާ ތިން މައިގަނޑު ސަބަބެއް ވެއެވެ.
- ޖަވާބުދާރީވުމެއް ނެތް މިނިވަންކަން
ޕީއެސް އިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވީނަމަވެސް، ގައުމީ ފެންވަރުގައި މިނިސްޓްރީން މެނިފެސްޓޯ ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާތަކާ ގުޅުވައިގެން އެ ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ ގޮތެއް ނޯވެއެވެ. އެ ބޭފުޅުން ޖަވާބުދާރީވާން ޖެހެނީ ސިވިލް ސާވިސް ކޮމިޝަނުގެ އެތެރޭގެ ނިޒާމަށެވެ. އާންމުންނަކަށް ނުވަތަ ރައްޔިތުން އިންތިޚާބުކޮށްފައިވާ ލީޑަޝިޕަކަށް ނޫނެވެ.
- ގެއްލުމަކާ ކުރިމަތިލާން ބިރުގަތުމުގެ ސަގާފަތް
ގިނަ ޕީއެސް އިން މަސައްކަތް ކުރައްވަނީ މަގާމަށް ގެއްލުމެއް ނުލިބޭ ގޮތަށް އެންމެ ކުޑަ ބަދަލެއް ގެނަސްގެން ކަންކަން ކުރާ އުސޫލުންނެވެ. މީގެ ސަބަބުން ނިންމުންތައް ނިންމުން ލަސްވުމާއި، ލިޔެކިޔުންތަކާއި ހުއްދަ ހޯދުން ގިނަވުމާއި، އަދި އާ ނިޒާމުތަކަށް އަހުލުވެރިވުމަށް ފަސްޖެހުން ކުރިމަތިވެއެވެ.
- މުވާސަލާތީ ގުޅުންތައް ބައިބައިވެފައި އޮތުން
ސަރުކާރުން ގިނަފަހަރަށް ސިޔާސަތުތައް އާންމުކޮށް އިއުލާނު ކުރެއެވެ. ނަމަވެސް، މިނިސްޓްރީގެ އިދާރީ އޮނިގަނޑުގެ ތެރޭގައި އެކަންކަން އަވަހަށް ތަންފީޒުކުރުމުގެ ގާބިލުކަމާއި ސާފުކަން ނުވަތަ ޝައުގުވެރިކަން ނެތިދެއެވެ.
ކުރީގެ ޕާމަނަންޓް ސެކްރެޓަރީއަކު ވިދާޅުވިފަދައިން "އަޅުގަނޑުމެންގެ ވަޒީފާއަކީ ސިޔާސީ ގަދަވަޔާއި އޮއިވަރުން މުއައްސަސާ ސަލާމަތްކުރުން. ބައެއް ފަހަރު އޭގެ މާނައަކީ ކަންކަން ލަސްކުރުން." ކަމުގައި ވެއެވެ.
މި ފަލްސަފާއަކީ އިދާރީ ނަޒަރަކުން ބަލާއިރު ގަބޫލުކުރެވޭ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ އިންތިޚާބުވެފައިވާ ރައްޔިތުންނަށް ނަތީޖާ ހާސިލުކޮށް ދައްކަން ޖެހޭ ސަރުކާރުތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އޮތް ސީދާ ހުރަހެކެވެ.
މިނިސްޓްރީތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މިނިސްޓްރީތަކުގެ މެންޑޭޓްގެ ދާއިރާތައް އެއްކޮށްލުމާއި، އަދި އާ މިނިސްޓަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ އާންމުންގެ ޝަކުވާތަކާއި ހިތްހަމަނުޖެހުންތަކަށް ދެއްވި ސިޔާސީ ރައްދެކެވެ. ސަރުކާރުން މި ބަދަލުތައް ސިފަކޮށްފައިވަނީ އިންތިޚާބަށްފަހު "ހިންގުން ހަރުދަނާކުރުމަށާއި މަސްއޫލިއްޔަތުތައް ތަރުތީބުކުރުމަށް" އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.
ނަމަވެސް، ހަމައެކަނި ސިޔާސީ އައްޔަންކުރުންތަކަކުން މިނިސްޓްރީތަކުގެ ހިންގުން ހަރުދަނާއެއް ނުކުރެވޭނެއެވެ. ސިވިލް ސާވިސް އަދިވަކިން ހާއްސަކޮށް ޕީއެސް ފަންތިއަކީ، ކުރިއެކޭވެސް އެއްގޮތަށް، ލަސް ދުވެއްޔެއްގައި ދެމިއޮންނަ މެޝިނަރީއެއް ނަމަ، އާ ކެބިނެޓަށް ވެސް ކުރިމަތިވާނީ ކުރީގެ ކެބިނެޓަށް ކުރިމަތިވި ހުރަސްތަކެވެ.
ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯ ކާމިޔާބު ކުރުމަށްޓަކައި 3 ބަދަލެއް ކޮންމެހެން ބޭނުންވެއެވެ.
- މަސައްކަތުގެ ނަތީޖާއަށް ބަލައި ޖަވާބުދާރީވާން ޖެހޭ ބަޔަކަށް ޕާމަނަންޓް ސެކްރެޓަރީން ހެދުން:
ހަމައެކަނި އެތެރޭގެ ގަވާއިދުތަކަށް ބެލުމުގެ ބަދަލުގައި، ގައުމީ ފެންވަރުގައި ނަތީޖާ ހާސިލުކޮށް ދައްކާ އިންޑިކޭޓަރުތަކެއް ކަނޑައެޅުން މުހިންމެވެ.
- ގާބިލުކަން އިތުރުކުރުމާއި އިދާރީ ހިންގުން ޒަމާނީކުރުން
ޑިޖިޓަލްކޮށް މަސައްކަތްތައް ހިންގުމާއި، ނަތީޖާ ވަޒަން ކުރެވޭ ގޮތަށް ދެފުށް ފެންނަ ތާވަލުތަކެއް އޮތުމާއި، އަދި އިދާރީ ހުރަސްތައް މަދުކުރަން ޖެހެއެވެ.
3.ސިވިލް ސަރވިސްގެ ތެރޭގައި ސަގާފީ ބަދަލެއް ގެނައުން
ގެއްލުމާ ކުރިމަތިލާން ރެކުމުގެ ބަދަލުގައި ކެރިގެން ޚިދުމަތަށް އިސްކަންދިނުމާއި އިޖުރާއަތްތަކަށްވުރެ ނަތީޖާއަށް އިސްކަން ދޭން ޖެހެއެވެ.
މިފަދަ އިސްލާހުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސާވިސް ކޮމިޝަނާއި، މިނިސްޓްރީތަކުގެ މެދުގައި ވިލަރެސް ކުރެވިގެން އެއްބާރުލުން ބޭނުންވާނެ ކަންކަމެވެ. އަދި މިއީ ހަމައެކަނި ކެބިނެޓަށް ގެންނަ ބަދަލުތަކަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. މިކަމުގެފަހަތުގައި ވަރުގަދަ ސިޔާސީ އަޒުމެއް ވެސް އޮންނަންޖެހެއެވެ.
ރައީސް މުއިއްޒުގެ އާ ކެބިނެޓަކީ ސިޔާސީ ގޮތުން އާ ފެށުމެކެވެ. ނަމަވެސް، ސިވިލް ސަރވިސް، ވަކިން ހާއްސަކޮށް ޕާމަނަންޓް ސެކްރެޓަރީންގެ ދައުރަށާއި މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ނުގެނެސްފިނަމަ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރިންވެސް ކުރިމަތިވި ގޮންޖެހުންތަކާ އަލުން ކުރިމަތިލާން ޖެހޭނެއެވެ.
ނަތީޖާ ހާސިލުކޮށް ދެއްކުމުގައި ދިމާވާ މައްސަލަތައް ތަކުރާރުވަމުންދާތަން މީގެ ކުރިންވެސް ފެނިއްޖެއެވެ. ސިޔާސީ ލީޑަރޝިޕް އެންމެ ރެއަކުން ބަދަލު ކުރެވިދާނެއެވެ. ނަމަވެސް، އިދާރީ ހިންގުމުގެ ސަގާފަތް އެހާ އަވަހަކަށް ބަދަލެއް ނުކުރެވޭނެއެވެ.
މި އާ ކެބިނެޓްގެ ވަޒީރުންގެ ކާމިޔާބީ ބިނާވެފައިވަނީ ވަޒީރު ބޭފުޅާގެ މިނިސްޓްރީގެ ފަހަތުގައިވާ އިދާރީ މެޝިނަރީ ހިންގަން ތިބި މީހުންގެ މައްޗަށެވެ.




