ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީ އޮފް ފިޝަރީޒްއާއި އެގްރިކަލްޗަރ އެއްކުރައްވައިފި

ސަރުކާރު ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މަތިލުއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވާ ބަދަލުތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ފިޝަރީޒް އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެއްކުރައްވައިފިއެވެ. މި ދެ މިނިސްޓްރީ އެއްކުރެއްވުމަށްފަހު، އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މިނިސްޓަރުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ވަނީ ޢައްޔަންކުރައްވާފައެވެ.

މިނިސްޓަރ އަހުމަދު ޝިޔާމަކީ ކުރިން ފޝަރީޒް މިނިސްޓަރެވެ. މިނިސްޓަރުގެ މަގާމަށް އަޙްމަދު ޝިޔާމް ޢައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޝިޔާމަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި މިނިސްޓަރ ޝިޔާމް ވަނީ ސޮއިކުރައްވާފައެވެ.

މިނިސްޓްރީތަކަށް ގެނެވުނު މި ބަދަލާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކަނޑުގެ ވަސީލަތްތަކާ ގުޅޭ ކަންކަންވެސް ދެން ބަލަހައްޓަމުންދާނީ އަލަށް އުފެއްދެވި މިނިސްޓްރީގެ ދަށުންނެވެ. މިއީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހިއްސާ ކުރައްވާ!