ފަލާހުގެ ސުއާލު ޔާމީނަށް: އެމްޑީޕީ ވެރިކަމަށް ގެނެސް ގޭގައި އިންނަ ހިތް ނުވާތީ މާފުއްޓަށް ދާ ހިތުންތޯ؟

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ސިޔާސީ މަގުސަދުތަކާ މެދު ސުވާލު އުފައްދަވައިފިއެވެ. ފަލާހު މިފަދައިން ވާހަކަދެއްކެވީ ހއ. މުރައިދޫގެ ކައުންސިލް ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ޖަލްސާގައެވެ.

ޔާމީނަށް އަމާޒުކުރައްވައި ފަލާހު ވިދާޅުވީ، މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ ޔާމީނަށް މިނިވަންކަމާއެކު ސިޔާސީ ވާހަކަދެއްކުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ، ޔާމީން ގޭގެ ސިޓިން ރޫމުގައި މައިކެއް ހިއްޕަވައިގެން ރީތި ވާހަކަ ދައްކަވަން ހުންނެވޭނެތޯ ފަލާހު ސުވާލު ކުރެއްވިއެވެ. އަދި ޔާމީން މިނިވަންވެވަޑައިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޯގާތެރިކަމުން ކަމަށާއި، އެހެން ނޫން ނަމަ މިއަދުވެސް އޮންނަވާނީ މާފުށީ ޖަލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ހީވޭ އެނގޭތޯ އަނބިކަނބަލުން ކައިރީ އިންނަވާ ހިތް ނުވަނީ ހެން. ތިޔަ ބޭފުޅުންނަށް ހީވޭތޯ އަނބިކަނބަލުން ކައިރީ އިންނަވާ ހިތް ނުވަނީހެން؟" ފަލާހް ހާޒިރީންނާ ސުއާލު ކުރެއްވިއެވެ.

ސަރުކާރުން ދާދި ފަހުން އަނބުރާ ދެއްކި 524.68 މިލިއަން ޑޮލަރުގެ ސުކޫކާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ވެސް ފަލާހު ރައްދު ދެއްވިއެވެ. ޔާމީން ތުހުމަތު ކުރައްވާފައިވަނީ އެ ފައިސާ ދެއްކީ ރައީސްގެ މުސާރައާއި، ޕެންޝަން ފަންޑާއި، ބީއެމްއެލްގެ ރިޒާވުން ފައިސާ ނަގައިގެން ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ ޔާމީން އެ ހެއްދެވީ ބޮޑު އިތުރުފުޅެއް ކަމަށާއި، އެ ފައިސާ ދެއްކީ ދައުލަތުގެ އަމިއްލަ ވަސީލަތްތަކުން، އިތުރު ބޭރުގެ ދަރަންޏެއް ނުނަގައި ކަމަށެވެ.

"ލޯން ދެއްކުމުގައި ބޭރު ގައުމަކުން ބޮޑު ދަރަންޏެއް ނުނަގައި ރާއްޖޭގެ ހަކަތަ ބޭނުންކޮށްގެން ދެއްކުމޭ އޮންނަނީ. ބަލަ ބުރާންޗެއްތަ އެއީ؟ މި އަޖައިބެއް ކަހަލަ ވާހަކައެއް ނޫންތަ މި ދެއްކީ؟ ދިވެހި ރައްޔިތުން ގުނބޯ ހައްދަން ނޫންތަ މި ވާހަކަ ދައްކަނީ؟" ޔާމީން އެހެން ވިދާޅުވާއިރު، އެއީ ކޮން ކަހަލަ އިގްތިސާދީ މާހިރެއްތޯ ުއާލު ކުރައްވަމުން ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ފަނޑިޔާރުން ތިއްބެވީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމް ކުރާ ކަމަށާއި، ގާނޫނީ އިސްލާހުތައް ގެންނަނީ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަނޑިޔާރުން ބޭރު ކުރާނެ، ޖުޑިޝަރީ މިނިވަނެއް ނުވާނެ. ބައްލަވާ އެ ބޭފުޅުންގެ 5 އަހަރު ކަންތައް ކުރެއް ގޮތް. ރާއްޖޭގެ ކޯޓުތަކުގައި ގާޒީން ތިއްބެވީ ބިރުން ފިތްކަނޑައިގެންދާ މިންވަރުގައި. ކޮންމެ ދުވަހަކު ޖޭއެސްސީއަށް އެތައް ގާޒީން ހާޒިރުކުރޭ. އެތައް ގާޒީންނަކަށް ބިރު ދައްކައި އަނިޔާވެރިވޭ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވާހަކަ ނިންމަވާލެއްވީ، ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތުމަކީ ގައުމަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ލިބުނު ބޮޑު ބާރެއްކަން ފާހަގަކުރައްވަމުންނެވެ.

ހިއްސާ ކުރައްވާ!