މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގޮނޑިތަކާއެކު ޕީއެންސީއަށް ޖުމްލަ 584 ގޮނޑި ލިބިފައިވެއެވެ.
ކައުންސިލްތަކުގެ އިންތިޚާބަށް އެކަނި ބަލާއިރު ޕީއެންސީން ވަނީ 280 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ސިޓީ ކައުންސިލްތަކުން 5 ގޮނޑި، ރަށު ކައުންސިލްތަކުގެ ރައީސުންގެ 75 ގޮނޑި، އަންހެނުންނަށް ހާއްސަކޮށްފައިވާ 101 ގޮނޑި އަދި އާންމު މެންބަރުންގެ 99 ގޮނޑި ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެންބަރުންގެ ގޮނޑިތަކުގެ ތެރެއިން 304 ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. 5 ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީންނެވެ.

އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ލިބިފައިވަނީ ޖުމްލަ 563 ގޮނޑިއެވެ. އެމްޑީޕީން ވަނީ މޭޔަރުގެ 5 ގޮނޑި، ސިޓީ ކައުންސިލްގެ 41 ގޮނޑި، ރަށު ކައުންސިލް ރައީސްގެ 73 ގޮނޑި، އަންހެނުންނަށް ހާއްސަ 88 ގޮނޑި އަދި އާންމު ގޮނޑިތަކުގެ 82 ގޮނޑިއާއެކު ކައުންސިލްތަކުން ޖުމްލަ 289 ގޮނޑި ހޯދާފައެވެ. އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި 664 މީހުން ވާދަކުރިއިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރީ 489 މީހުންނެވެ.
އެހެން ސިޔާސީ ޕާޓީތަކަށް ލިބުނު ގޮނޑިތަކަށް ބަލާއިރު، އެމްޑީއޭ އިން ވަނީ ޖުމްލަ 23 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ރަށު ކައުންސިލް ރައީސްގެ 4 ގޮނޑި އާއި އަންހެނުންގެ ކޮމެޓީގެ ގޮނޑިތައް ހިމެނެއެވެ. އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި، އަދި ދަ ޑިމޮކްރެޓްސް އިން 2 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.
މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރި 91 މީހަކު ކައުންސިލްތަކަށް އިންތިޚާބުވިއިރު، އަންހެނުންގެ ކޮމެޓީތަކަށް އަމިއްލަ ގޮތުން 78 މީހަކު ވަނީ އިންތިޚާބުވެފައެވެ.



