މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށާއި ދަތުރުފަތުރުގެ މަގުތަކަށް ބުރޫއަރަމުންދާއިރު، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި، ތެލާއި، މާލީ އެހީތެރިކަން މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ބުނެފިއެވެ. މި މަޢުލޫމާތުތައް ހިއްސާކޮށްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު މިހަފުތާއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ،
އަސާސީ މުދަލާއި ސިނާއީ މުދާ ލިބޭނެ އިތުރު މަގުތައް ސަރުކާރުން މިހާރުވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، މުދާ ހުސްވިޔަނުދީ ހިފެހެއްޓުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ޗައިނާ، އިންޑިއާ، ތުރުކީ އަދި އާސިއާންގެ ގައުމުތައް ހިމެނޭހެން އިތުރު މާކެޓްތަކުން މުދާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލީ ވަޒީރު އަދި ކޮމިޓީގެ މުގައްރިރު މޫސާ ޒަމީރު ވިދާޅުވީ،
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކާ އެކުވެސް، މެދުނުކެނޑި ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ތެޔޮ ހިފައިގެން އަންނަ އުޅަނދުތައް ތާވަލާ އެއްގޮތަށް އަންނަމުންދާ ކަމަށާއި، އާންމުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ވަނީ 958 މަސްދޯންޏަކަށް 1.1 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ސަބްސިޑައިޒްޑް ތެޔޮ ދޫކޮށްފައެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ،
މި އެހީގެ ސަބަބުން ދަތި ދަނޑިވަޅެއްގައި މަސްވެރިންގެ އޮޕަރޭޝަނަލް ހަރަދުތަކަށް ލުޔެއް ލިބިފައިވާ ކަމަށެވެ. އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫ ސެންޓަރުންނެވެ. ދެން އެންމެ ގިނައިން ތެޔޮ ދޫކުރީ އައްޑޫ ސެންޓަރުންނެވެ. މިފްކޯއިން މިހާރު މަސްދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކަނީ 16.54 ރުފިޔާއަށެވެ. އާންމު ރޭޓަކީ ލީޓަރަކަށް 17.54 ރުފިޔާއެވެ.
ޒަމީރު ވިދާޅުވީ، މުދަލުގެ އަގު އުފުލުނު ނުދިނުމަށާއި އިގްތިސާދީ ހަރަކާތްތައް ދެމެހެއްޓުމަށްޓަކައި ބޭންކިން ނިޒާމު މެދުވެރިކޮށް ދޭ މާލީ އެހީތެރިކަންވެސް ސަރުކާރުން އިތުރުކުރަމުންދާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 106 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދޫކޮށްފައިވަނީ 5.6 މިލިއަން ޑޮލަރެވެ. ކާޑު ސެޓްލްމަންޓް ޕޭމަންޓްތައްވެސް ވަނީ 24 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އޭނާ ވިދާޅުވީ މާޗް އަދި އޭޕްރީލް މަހުގެ މިހާތަނަށް ބީއެމްއެލްއިން 163 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި 540 މިލިއަން ރުފިޔާއާއި، އިމާރާތްކުރުމާއި އެހެނިހެން ސިނާއަތްތަކަށް ދޫކުރި 941 މިލިއަން ރުފިޔާ ހިމެނެއެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން އަގުތަކަށް ކުއްލި ބޮޑު ބަދަލެއް (ޕްރައިސް ޝޮކް) ނާންނާނެ. ބައިނަލްއަގުވާމީ ބާޒާރަށް ބަދަލުތައް އަންނައިރު، އޭގެ އަސަރު ކުޑަކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރަން ޖެހޭ ހާލަތްތަކުގައި، އެކަން ކުރާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ،
ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއެރި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް 740,364 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދުވާލަކު އެވްރެޖްކޮށް 6,885 ފަތުރުވެރިން އާދެއެވެ. އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ދެން ރަޝިއާ، އިނގިރޭސިވިލާތް އަދި އިޓަލީއެވެ.
އަމީން ވިދާޅުވީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކާއި، މެދުކަނޑާލާފައިވާ ފްލައިޓްތައް އަލުން ފެށުމުގެ ސަބަބުން ފަތުރުވެރިކަން 2.2 އިންސައްތަ ކުރިއަރާފައިވާ ކަމަށެވެ.
ކޮމިޓީން ބުނި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިކަން، މަސްވެރިކަން، އޭވިއޭޝަން، ދަނޑުވެރިކަން އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭހެން އެއްވެސް މުހިންމު ދާއިރާއަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމްގެ ދަށުން މުސާރަ އެއްހަމަ ނުކުރެވި އޮތީ އެންމެ ހަތެއް އިންސައްތަ ކަމަށާއި، އެކަން ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭ ހާއްސަ ކޮމިޓީ އުފެއްދީ ފެބްރުއަރީ 28 ގައެވެ. މިދިޔަ ހަފުތާގައި ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން އެ ކޮމިޓީ އަލުން އެކުލަވާލާފައިވާއިރު، މި ހަފުތާގެ ބްރީފިންއަކީ އަލަށް އެކުލަވާލި ވަޒީރުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.



