މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރި ހާދިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި މާލޭގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ބޭފުޅަކަށް ވީހިނދު، އެއްވެސް ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައިވެސް ހަމަލާދީ ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް ބަޔާނުގައިވެއެވެ.
"މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ." ރައީސް އޮފީހުގެ ބަޔާން
މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެފަދަ ތުހުމަތުތައް ކުރެއްވުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
"މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާ ހިނގި ފަހުން އެމްޑީޕީން ނުވަތަ ސިޓީ ކައުންސިލުންވެސް މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުންނަށް މިފަދަ ކަންކަން ރިޕޯޓު ނުކުރުމަކީ ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ރަސްމީކޮށް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، މީސްމީޑިއާގައި ދައުރުވާ ވީޑިއޯއާ ގުޅިގެން ފުލުހުން މިހާރު ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.


