ނަފްސާނީ ބަލިތަކަށް ޚާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމައިފި

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނަފުސާނީ ކަންކަމަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެންމެ އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން ލ. ގަމުގައި އިމާރާތްކުރަން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވަނީ އެ މަޝްރޫއަށް ބޭނުންވާ ލޯނު ފެސިލިޓީ ހަމަނުޖެހިގެން ކަމަށެވެ. ނަމަވެސް މުޖުތަމައުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

"އަޅުގަނޑުމެން މި ނިންމީ ނިއު ޕޮލިސީ އިނީޝީއޭޓިވް ގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް. ލޯނު ލިބިގެން ކުރިއަށްގެންދާ ޕްރޮޖެކްޓް ފަށަން ނިންމާފައި އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓް އެތަނުގައި ކުރިއަށް ގެންދިއުން އެބައޮތް. ކެންސަލެއް ނުކުރަން. މާލޭގައި މިހާރު މި ނިންމީ މި ހޮސްޕިޓަލް އަޅަން. މާލޭގައި ފަރުވާ ހޯދާ ކުދިން ވެސް ގިނައީ،" ރައީސް ވިދާޅުވިއެވެ.

ހޮސްޕިޓަލް އެޅުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި މެންޓަލް ހެލްތާ ބެހޭ ބިލެއްވެސް މި އަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ނަފްސާނީ ބަލިތަކަށް ދޭ ސަމާލުކަން އިތުރުކޮށް، އެފަދަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ރައީސް ހާމަކުރެއްވި ގޮތުގައި މި އަހަރުގެ މިހާތަނަށް (މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް) އާސަންދައިގެ ދަށުން 10,954 މީހަކު ވަނީ ނަފްސާނީ އެހީ ހޯދާފައެވެ. މީގެ ތެރެއިން 8,125 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުންނެވެ.

މާލެ ސަރަހައްދުގައި ގާއިމުކުރާ މި ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިއީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!