ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދޫކޮށްފި: ރައީސް

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހި ނުދެއްކި ހުރި ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ބޮޑު ދެ އަދަދެއް ދައްކާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ޚަލާސްކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން މިހާތަނަށް 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، މީގެ ތެރެއިން ގިނަ ފައިސާ ދޫކޮށްފައިވަނީ ބޭސް ފޯރުކޮށްދޭ ކުންފުނިތަކަށާއި ފާމަސީތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަފުތާގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ދޫކުރުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވާރުތަވެފައި ހުރި ދަރަނިތައް ސަލާމަތްކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ލިބޭނެ ގޮތް ހެދުމަށް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރަމުންދާ އިރު ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުލިބިގެން އެސްއެމްއީތަކުން ވަނީ ރައީސާއެކު ބޭއްވި ބައްދަލުވުންތަކުަގއި ޝަކުވާ ކޮށްފައެވެ. ރައީސް ވަނީ ދައުލަތުން ދައްކަން ހުރި ފައިސދާތައް ދައްކައި ޚަލާސް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހިއްސާ ކުރައްވާ!