ގަޒުފުކޮށް އަބުރު ކަތިލުމަކީ ނޫސްވެރިކަމެއް ނޫން، އެކަން ތަހުގީގު ކުރެވޭނެ: ވަޒީރު އިހުސާން

ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަން ނޫން ކަމަށާއި، އެފަދަ މައްސަލަތައް ޖިނާއީ ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސްކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަޒީރު ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކެއް ނަމަވެސް، އެއީ އެއްވެސް އިމެއް ނެތް ޙައްޤުތަކެއް ނޫން ކަމަށެވެ.

ވަޒީރު ވަނީ ޤާނޫނުއަސާސީގެ 27، 28 އަދި 33 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 27 ވަނަ މާއްދާގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދެނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތަށް ކަމަށާއި، 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިން ނަމަވެސް، އެއީ އެއްވެސް ހެއްކެއް ނެތި މީހުންގެ މައްޗަށް ދޮގު ތުހުމަތު ފެތުރުމަށް އޮތް ފުރުޞަތެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް، އެއްވެސް އަސާސެއް ނެތި ކުރުމަކީ ނޫސްވެރިކަމެއް ނޫން. އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، އާއިލާއަށާއި، އަދި އެމަނިކުފާނު ފުރުއްވާ ދައުލަތުގެ އެންމެ މަތީ މަޤާމަށް ދެވޭ ސީދާ ހަމަލާއެއް،" ވަޒީރު ވިދާޅުވިއެވެ. އަދި 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހެއްގެވެސް އަބުރާއި ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ފުލުހުން ކުރިއަށްގެންދާ ތަހުގީގަކީ ނޫސްވެރިކަމަށް ހަމަލާދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫންކަމަށާއި، އެއީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ދައުލަތަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގެ ތެރޭގައި ފިތުނަ އުފެދިދާނެ ކަމުގެ އިންޒާރުވެސް ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޙަޤީޤީ ނޫސްވެރިކަމުގެ މިނިވަންކަން ދެމިއޮންނާނީ ޖަވާބުދާރީވުމުގެ ސިފަވެސް އެއާއެކު އޮވެގެން ކަމަށެވެ. "ދިވެހި ރައްޔިތުން ބޭނުންވަނީ ކަންކަމުގެ ޙަޤީޤަތް ހާމަކޮށްދޭ މީޑިއާއެކެވެ. މީހުންގެ އަބުރު ކުނިކޮށް، ދޮގު މަޢުލޫމާތު ފަތުރާ މީޑިއާއެއް ނޫނެވެ،" ވަޒީރު ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ނުހުރެވޭނެކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!