އިލްމާނީ ލިބަރަލް ޑިމޮކްރެސީގައި އަބުރު ކަތި ނުލެވޭކަން ޕީއެންސީ އެމްޕީއަށް އެނގިވަޑައި ނުގަތް

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބުރާ ބެހުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބަހުސް އަނެއްކާވެސް މިވަނީ ގަދަވެފައެވެ. ވަކި ގައުމީ ނިޒާމެއްގެ ތެރެއިން މިނިވަންކަން ބިނާވެފައިވާ ގޮތާއި، ދީނީ އަދި އަޚްލާގީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޕީ އިބްރާހީމް މުޙައްމަދު ދެއްކެވި ވާހަކަފުޅުތަކުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް، އިލްމާނީ (ސެކިއުލާ) ލިބަރަލް ޑިމޮކްރެސީތަކުގައި އަބުރަށް ދެވޭ ގަދަރާއި، ރާއްޖެ ފަދަ މުސްލިމު ގައުމެއްގައި އެކަން އޮންނަންޖެހޭ ގޮތާ މެދު އޮތް ޚިޔާލުތަފާތުވުންތައް މިވަނީ ފާހަގަވެފައެވެ.

މެންބަރު އިބްރާހީމް މިއަދު ފޭސްބުކުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ ސެކިއުލާ ނުވަތަ ޢިލްމާނީ ގައުމެއް ނޫނެވެ. އަދި ހަލާލެއް ހަރާމެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށާއި އެއީ އިސްލާމްދީން ބާވައިލެއްވި ފަސް މަގުސަދު ހިމާޔަތްކުރުމާ ދެކޮޅަށް، އިސްލާމީ ޝަރީއަތް ބަލިކަށިކުރަން ބަޔަކު ހިންގާ ޖަރީމާއެއް ކަމަށް ވިދާޅުވެއެވެ.

ހަގީގަތުގައި ސައްތައިންސައްތަ އިސްލާމީ ދިވެހި ރާއްޖޭގައި ހުރިހައި ފެންވަރެއްގައި، ރައްޔިތު މީހާގެ އަބުރު ފަސޭހަކަމާއެކު ކަތިލައެވެ. އިސްލާމް ދީނަށް ބެލުމެއް ނޯވެއެވެ. އަބަދުވެސް އަބުރު އޮންނަނީ ހަލާލުކޮށްފައެވެ!

އެމްޕީ އިބްރާހީމް ވިދާޅުވި ގޮތާ ޚިލާފަށް ހުޅަނގުގެ އިލްމާނީ ލިބަރަލް ޑިމޮކްރެސީތަކަކީ ހަމައެކަނި ފަރުދީ މިނިވަންކަމަށް އިސްކަންދޭ ތަންތަނެއް ނޫނެވެ. އެ ގައުމުތަކުގެ މަޖިލިސްތަކާއި އާންމު މައިދާންތަކުގައިވެސް އަބުރަށް ގަދަރުކުރުމުގެ ސަގާފަތެއް އޮވެއެވެ. މިސާލަކަށް، ހުޅަނގުގެ ގައުމުތަކުގެ ޕާލަމެންޓްތަކުގައި ބަހުސްކުރާއިރު އައުގުރާނަ ގޮވައި ނުހެދޭނެއެވެ. ހެއްކެއް ނެތި ވަގަށް ގޮވައި މީހުންގެ އަބުރު ކަތިލައި ނުހެދޭނެއެވެ. މިދިޔަ ހަފްތާގައިވެސް ޔޫކޭ ޕާލަމެންޓްގައި ވަގަށް ގޮވުމުން އެމްޕީން ބޭރުކޮށްލި އެވެ. އެއީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރާ ބައެއް ނޫނެވެ. އެމީހުންނަށް ނޫރު ސޫރަތުގައި ގަޒުފާ ބެހޭ ގޮތުން ވާހަކަތަކެއް ނޭގެ ކަން ޔަގީނެވެ! ސުއާލަކީ ކޮންމެ ރޯދަމަހަކު ޚަތިމެއް ކޮށްލާއިރު ނޫރު ސޫރަތް ކިޔާލާ ދިވެހި މީހާއަށް ގަޒުފެއް އަބުރެއް ގަބުރެއް ވަކި ކުރެވޭ ހެއްޔހެވެ؟

ބޮކްސިން ތެޅުމަށް މަޝްހޫރު ޓައިވާންގެ ޕާލަމެންޓުގައިވެސް، މީހުންގެ ޖިސްމަށް ހަމަލާދިނަސް، ބޭނުންކުރާ ބަސްމަގު މަޖިލީހުގެ ބައެއް މެންބަރުންގެ ބަސްމަގަށްވުރެ މާ އަބުރުވެރި އެވެ.

ރާއްޖެއަކީ ސެކިއުލާ ނުވަތަ އަލްމާނީ ގައުމެއް ނޫންކަން ހަނދާންކޮށްދެއްވަމުން، މެންބަރު ވިދާޅުވީ ރާއްޖޭގައި ދީނާއި ދައުލަތް ވަކިކުރެވިފައި ނުވާ ކަމަށެވެ. ތެދެކެވެ. ރާއްޖެއަކީ ހުރިހާ ފަރުދީ މިނިވަންކަން އިސްކުރާ 'ލިބަރަލް ޑިމޮކްރެސީ' އެއް ނޫނެވެ. އެކަމަކު މުޖުތަމައުގެ ހައްގު އިސްކުރުމަށް ކުރީ ކޮންކަމެއް ހެޔެއްވެ؟ ޓީވީން ލައިވްކޮށް އައު ގުރާނައާއި އަބުރަށް އަރައިގަތުން ހެއްޔެވެ؟

އިސްލާމީ ޝަރީއަތުގެ ފަސް މަގުސަދުގެ ތެރޭގައި އަބުރު ހިމާޔަތްކުރުން ހިމެނޭ ކަމަށް ވިދާޅުވާއިރު މި ހިސާބުން އުފެދޭ ސުވާލަކީ، ގަޛުފުގެ އާޔަތްތަކާއި އަބުރުގެ ހިމާޔަތުގެ ވާހަކަ ކުއްލިއަކަށް ދެކެވެން މި ފެށީ ކީއްވެގެންތޯއެވެ؟

އެ ބުނާ ޑޮކިއުމެންޓްރީއެއް ނެރެގެން އުޅޭތާ މިއަދަށް މަސްދުވަސް ވީރު މި އެންމެން ނިދާފައި ތިބީ ކީއްވެގެން ހެއްޔެވެ؟ (21 އެޕްރީލް އާޓިކަލް) ހެވަކަށް ވިޔަސް ބަހެއް ބުނެލާނެ މީހަކު މިގައުމުން ނުފެނުނެވެ.

Respect, Democracy, and the Culture We Choose to Build

ހުކުރު ޚުތުބާގައި ބިކިނީ ވެކްސް ކުރާ ވާހަކަ ދެއްކިއިރު މިފަދަ ވާހަކައަކަށް ޓަޗްކޮށްލުމެއްވެސް ނެތެވެ!

ސިޔާސީ މަސްރަހުގައި ވަކި ހާދިސާއެއް ހިނގުމުން، ދީނީ އުސޫލުތައް ހަނދާންވުމަކީ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.

އަޒުހަރުގެ އިމާމުލްއަކުބަރު ޑރ. އަބްދުލް ޙަލީމު މަޙުމޫދު ވިދާޅުވި ފަދައިން، ބައެއް ފަހަރު އިރުމަތީގެ ގައުމުތަކުން ފެންނަނީ 'މަންޒަރު ދައްކާ' މުސްލިމުންނެވެ. ހަގީގީ އިސްލާމީ އަޚްލާގަކީ ވަކި މީހަކަށް ބެލުމެއް ނެތި، ހުރިހާ ހިނދެއްގައިވެސް އަބުރާއި އިއްޒަތް ހިމާޔަތްކުރުމެވެ.

ރާއްޖޭގައި އަބުރު ކަތިލުމުގެ ބަލާއިން މުޖުތަމައު ސަލާމަތްކުރަން ބޭނުންނަމަ، ހަމަހަމަ އުސޫލަކުން އެންމެންގެ އަބުރު ރައްކާތެރިކޮށްދޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުން މުހިންމެވެ. އިސްލާމްދީނުގެ ނަމުގައި ހިނދުކޮޅަކަށް އާޔަތްތައް ހަނދާންކޮށްދިނުމުގެ ބަދަލުގައި އެ ދީނުގެ ރީތި އަޚްލާގު މުޖުތަމައިން ފެނުމަކީ ރައްޔިތުން އެދޭ ކަމެކެވެ.

The Maldives and the Culture of Slander

ހިއްސާ ކުރައްވާ!