އެމެރިކާގެ އެންމެ ބޮޑު އެއް ލޮބީ ފާމް ކަމަށްވާ އޭކިން ގަމްޕް އިން، ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ދިރިއުޅޭ އުއިގޫރު މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ކުންފުންޏަކަށް އެމެރިކާ ސަރުކަރުގައި ވަކާލާތު ކުރަން ފަށައިފިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ފާމުން މަސައްކަތް ކުރަނީ ޔުނައިޓެޑް ސޯލާ ޕޮލިސިލިކަން ކިޔާ ކުންފުންޏެއްގެ ވިޔަފާރީގެ ސިޔާސަތުތައް ކުރިއެރުވުމަށެވެ.
ޔުނައިޓެޑް ސޯލާ ޕޮލިސިލިކަންގެ ބާނީ ލޮންގްގެން ޒޭންގް އަކީ މީގެ ކުރިން ޝިންޖިއާންގައި ހަރަކާތްތެރިވި ޑާކޯ ނިއު އެނާޖީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2018 އިން 2023 އަށް އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ. ޒޭންގް އެ މަގާމުތަކުގައި ހުންނެވި ދުވަސްވަރު، އެ ކުންފުނިން މަޖުބޫރުކޮށްގެން މީހުންލައްވާ މަސައްކަތް ކުރުވާ ކަމަށާއި، ދީނީ އަދި ނަސްލީ ގޮތުން މީހުންނަށް އަނިޔާކުރާ ކަމުގެ ކަންބޮޑުވުން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން 2021 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން ވަނީ ޝިންޖިއާން ޑާކޯ ނިއު އެނާޖީ ބްލެކްލިސްޓް ކޮށްފައެވެ. މީގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކުރުން އެ ކުންފުންޏަށް ވަނީ މަނާކޮށްފައެވެ. އެމެރިކާ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރާ ގޮތުގައި ޝިންޖިއާންގައި އުއިގޫރު މުސްލިމުންނާ މެދު ޗައިނާ އިން އަމަލުކުރަމުންދަނީ ނަސްލު ނައްތާލުމުގެ ސިޔާސަތެއްގެ ދަށުންނެވެ.
އޭކިން ގަމްޕް އިން މި ކުންފުންޏަށް ލޮބީ ކޮށްދޭން ފެށުމާއެކު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް އިރުގެ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޕޮލިސިލިކަން އުފައްދާ ކުންފުނިތަކުން ޝިންޖިއާންގެ މަޖުބޫރު މަސައްކަތްތަކާ ގުޅުން އޮތްތޯ ބެލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދަނީ ބާރުއަޅަމުންނެވެ. "ވީގޫރު ފޯސްޑް ލޭބާ ޕްރިވެންޝަން އެކްޓް" އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މި މައްސަލައިގައި އޭކިން ގަމްޕް އިން ވެސް އެ ކުންފުންޏަށް ކޮށްދޭ މަސައްކަތްތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.


