ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑު ކުންފުނި، މައިކްރޯސޮފްޓުން އެ ކުންފުނީގެ ޑިޖިޓަލް މެޕްތަކުގައި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ބޭނުންކުރަމުން އައި ޔަހޫދީ ނަންތައް އުނިކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ފަލަސްތީނުގެ ޖިއޮގްރަފީ ނަންތައް ހިމަނައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ފަލަސްޠީނުގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ކުރި މަސައްކަތްތަކަކަށް ފަހުގައެވެ.
އަރަބް ސެންޓަރ ފޯ ދަ އެޑްވާންސްމަންޓް އޮފް ސޯޝަލް މީޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައިކްރޯސޮފްޓްގެ 'ބިންގް' ސާޗް އިންޖީނު އަދި ލޮކޭޝަން ބޭސްޑް ޚިދުމަތްތަކަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް ބޭނުންކުރަމުން އައި 'ޖޫޑިއާ އެންޑް ސަމާރިއާ، އިސްރާއީލް' ގެ ބަދަލުގައި މިހާރު ބޭނުންކުރަމުންދަނީ 'ވެސްޓް ބޭންކް' ނުވަތަ ހުޅަނގު އައްސޭރީގެ ނަމެވެ.
'ޖޫޑިއާ އެންޑް ސަމާރިއާ' އަކީ ހިފާފައިވާ ހުޅަނގު އައްސޭރިއަށް ނިސްބަތްކޮށް ޔަހޫދީން ބޭނުންކުރާ ނަމެކެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރިއަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމެކެވެ. އަދި މިއީ މުސްތަގުބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެކެވެ.
މި ބަދަލާ ގުޅޭގޮތުން އަރަބް ސެންޓަރ ފޯ ދަ އެޑްވާންސްމަންޓް އޮފް ސޯޝަލް މީޑިއާ ގެ އެޑްވޮކަސީ މެނޭޖަރު ލަމާ ނަޒީހް ވިދާޅުވީ، މިއީ ގެންނަން ޖެހިފައިވާ "ޒަރޫރީ އިސްލާހެއް" ކަމަށެވެ. އަދި ޓެކްނޮލޮޖީ ކުންފުނިތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި، ފަލަސްތީނުގެ ޖިއޮގްރަފީ ޑިޖިޓަލްކޮށް ފޮހެލުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރި ނުވުމަށް އޭނާ ގޮވާލެއްވިއެވެ.




