އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި އަންނަ ޖުލައި މަހު ނެރުމަށް ހަމަޖެހިފައިވާ ހާއްސަ ޕާސްޕޯޓުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯފުޅު ހިމެނުމަށް ނިންމައިފި އެވެ. މިކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވަނީ އަންގާރަ ދުވަހު ކަށަވަރުކޮށްދެއްވާފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާ އުފެދުނުތާ 250 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، އެ ތާރީޚީ މުނާސަބަތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ލިމިޓެޑް އެޑިޝަން ޕާސްޕޯޓުތަކެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ފޮކްސް ނިއުސް ޑިޖިޓަލް އިން އާންމުކޮށްފައިވާ މި ޕާސްޕޯޓުގެ ނަމޫނާގައިވާ ގޮތުން، ޕާސްޕޯޓުގެ އެތެރޭގެ ސަފުހާތަކުގައި ޓްރަމްޕްގެ ފޮޓޯފުޅާއި ރަން އަކުރުން ސޮއި ހިމެނޭނެ އެވެ. މީގެ އިތުރުން 4 ޖުލައި 1776 ގައި މިނިވަންކަން އިޢުލާން ކުރި ދުވަހު އެމެރިކާ ބިނާކުރި ބާނީންގެ ފޮޓޯއެއްވެސް ހިމެނޭނެ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި މަގާމުގައި ހުންނެވި ރައީސެއްގެ ފޮޓޯ ޕާސްޕޯޓެއްގައި ހިމެނޭ ފުރަތަމަ ފަހަރެވެ.
މި މުނާސަބަތާ ގުޅުވައިގެން ޓްރަމްޕްގެ ފޮޓޯފުޅު ޖަހާފައިވާ ޚާއްސަ ރަން ފައިސާ ފޮއްޗެއް ނެރުމަށްވެސް ވަނީ ނިންމާފަ އެވެ. ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު، ވެރިރަށް ވޮޝިންޓަންގެ ބައެއް މުހިންމު އިމާރާތްތަކަށް ވަނީ އެމަނިކުފާނުގެ ނަންފުޅަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު "ކެނެޑީ ސެންޓަރު" އާއި އިންސްޓިޓިއުޓް އޮފް ޕީސް ހިމެނެ އެވެ.
މީގެ އިތުރުން، 250 އަހަރުގެ މުނާސަބަތުގައި އަންނަ އޯގަސްޓް މަހުގެ 21 އިން 23 އަށް ވޮޝިންޓަންގައި ރޭހެއް ބޭއްވުމަށްވެސް ޓްރަމްޕް ވަނީ ރާވާފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހާއްސަ ޕާސްޕޯޓުތައް ދޫކުރާނީ ހަމައެކަނި ވޮޝިންޓަނުން ކަމަށާއި، މިއީ ވަރަށް މަދު އަދަދަކަށް ދޫކުރާނެ އެއްޗެއް ކަމަށެވެ.





