އީރާނުގެ ހަނގުރާމައާއެކު ދުނިޔޭގެ އިގްތިސާދަށާއި އިންސާނީ ނަސްލަށް އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަތަކުން ކުރާ އަސަރުތައް އިންތިހާއަށް ބޮޑުވެފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ސެޕްޓެމްބަރު 11 ގެ ފަހުން ހިނގި އެކި ހަނގުރާމަތަކުގައި އަފްޣާނިސްތާނާއި، އިރާގާއި، ސޫރިޔާ އަދި ޔަމަން ފަދަ ގައުމުތަކުން 940,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިލިއަނުން މީހުން ވަނީ ހާލުގައި ޖެހިފައެވެ.
އީރާނު ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް އެމެރިކާއިން ވަނީ ހަތިޔާރަށް 11.3 ބިލިއަނާއި 12.7 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކޮށްފައެވެ. މިއީ ދުވާލަކަށް ބަލާއިރު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރެވެ. މިއީ އަފްޣާނިސްތާނު ހަނގުރާމައަށް ދުވާލަކު ހޭދަވި 300 މިލިއަން ޑޮލަރާއި އިރާގު ހަނގުރާމައަށް ހޭދަވި 684 މިލިއަން ޑޮލަރާ އަޅާބަލާއިރު، ޒަމާނީ ތާރީޚެއްގައި ދުވާލަކަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ހަނގުރާމައެވެ.
މި ޚަރަދުތަކުގެ އަސަރު ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އާންމު ގޭބިސީތަކަށް ދަނީ ކުރަމުންނެވެ. ތެލުގެ އަގު 40 އިންސައްތަ އުފުލި، ގެލަނެއްގެ އަގު އެމެރިކާގައި 2.90 ޑޮލަރުން 4.10 ޑޮލަރަށް ވަނީ އަރާފައެވެ. މީގެ ސަބަބުން ކޮންމެ ގޭބިސީއަކުން އިތުރަށް 200 ޑޮލަރު ހޭދަކުރަން ޖެހިފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި ހަކަތައިގެ އަގުތައް އުފުލި، މުދާ އުފުލުމުގެ އަގުތައް ވަނީ ބޮޑުވެފައެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ވޮޝިންޓަނާއި އިސްރާއީލުން އަމިއްލައަށް ނިންމި ނިންމުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ ކޮންސިއުމަރުންނަށް ވަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައަށް ނުސީދާ ޓެކްސެއް ދައްކަން ޖެހިފައެވެ.
ހަނގުރާމައިގެ މައިދާނުގައި ލިބޭ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ އަސަރު އެތައް އަހަރަކަށް ދެމިގެންދެއެވެ. ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ހަނގުރާމައިގެ ބައިވެރިވެފައިވަ ސިފައިންނާއި އެކަމުން ގެއްލުން ލިބޭ އާންމުންގެ ސިއްހީ ކަންކަމަށް އެކަނިވެސް 2.2 ޓްރިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ހަނގުރާމަ ނިމުމަށްފަހުވެސް ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވާނެ ބޮޑު ބުރައެކެވެ.
މި ހަނގުރާމައަކީ އާންމު ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި، ސޮލީބީ ސަހުޔޫނީންގެ ތެރޭން ހަނގުރާމައިން ފައިދާ ނަގާ ބައެއްގެ ނިންމުންތަކެއްގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ބުރަ އުފުލަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.




