ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ސައްޙަަމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުހަބާ ކިޔައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމެވުމުގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ތެރޭގައި، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ތަންފީޒުކުރެވޭ އުޞޫލެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް ޢަމަލުކުރަމުންދާ ޤައުމުތަކުގައިވެސް މިފަދަ އުޞޫލުތައް ތަޠުބީޤުކުރަމުންދާކަމާއި، އެ ޤައުމުތަކުގެ ޤާނޫނުއަސާސީތަކުގައި އެ އުޞޫލު އެކަށައަޅާފައި ހުރިކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާކަމަށް އެ ޕާޓީން ބުނެއެވެ.
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކުރައްވާފައިވާކަން ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މެންބަރުން ޕާޓީ ބަދަލުކުރެއްވުން މަނާކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫންކަންވެސް ހުކުމުގައި ބަޔާންކޮށްފައިވާކަމަށް އެ ޕާޓީން ބުނެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ހަވާލާދީ ޕީއެންސީން އިތުރަށް ބުނީ، މަޖިލީހުގެ މެންބަރުން ދައުރުގެ ތެރޭގައި މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް އޮތުމަށް ގެނެވުނު އިޞްލާޙަކީ، މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަށް ބަދަލެއް ނުވަތަ އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭނެ އިޞްލާޙެއް ކަމަށެވެ.
ކޮންގްރެސް ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަޤީންކޮށް އަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕީއެންސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ތަޅުން ހުރަސްކޮށް ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ސިޔާސީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.



