ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާ ކަމަށެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރަކީ އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކި ފަންތީގެ މަސައްކަތްތެރީންނަށް އެތައް އަހަރެއް ވަންދެން ޙައްލު ނުލިބިފައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ވަޢުދު ފުއްދަވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފަށާފައިވާކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި ފަންނާއި ހުނަރު ކުރިއެރުވުމަށް ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކޮށް، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުން ޖާގަ ހޯދައިދިނުމަށް ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު މަސައްކަތް ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނު ވަނީ މަސައްކަތް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވާފައެވެ.



