މި ސަރުކާރުގެ އުމުރުން ދެ އަހަރާއި ބައި ވޭތުވާން ކައިރިވީއިރު، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.
ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނަށް ފައްތައި ބެލެހެއްޓުމުގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އެދޭ އަމާޒަށް ކަންކަން ވާސިލުވާން ފަށާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަމަށް އަމަލީ ސިފަ ގެންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، "އަޅުގަނޑު އެދެނީ، ވަޒީފާއާއި މަސައްކަތުގެ ފުރުޞަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މި މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމެވެ."
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، އަދުލުވެރި ސިޔާސަތެއް ކަމަށެވެ. އަދި 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްގީވެފައިވާ ފުދުންތެރި ރާއްޖެއަކަށް ވާސިލުވެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންގެ ބުރަ މަސައްކަތުން ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޚިތާބު ނިންމަވާލައްވަމުން ރައީސް ވަނީ، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކު އަމަލީ މައިދާނަށް ނުކުމެ، ގައުމީ ތަރައްގީގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.



